ސަހްޔޫނީންގެ ހަމަލާތަކުގައި މުޅި ގާޒާ ވަނީ ސުންނާފަތި ކޮށްލާފަ / ސޯޝަލް މީޑިއާ
ދުނިޔެ
ލިބުނު ގެއްލުން ވަރަށް ބޮޑު، ގާޒާ ދެންވެސް އާރާސްތު ކުރާނީ ރައްޔިތުން: ހަމާސް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 ޖެނުއަރީ 2025
މާލެ ސިޓީ

ސަހްޔޫނީން ފަލަސްތީނުގެ ގާޒާގެ އިމާރާތްތައް ބިމާ ހަމަކޮށްލާފައި ވިޔަސް އެތަން އާރާސްތުކޮށް ރައްޔިތުންގެ ވަރުގަދަ އަމާޒުމާ އެކު އިހު އޮތް ގޮތަށް ރުޖޫއަވާނެ ކަމަށް ހަމާސް ޖަމާއަތުން އިއްޔެ ބުނެފި އެވެ.

ހަނގުރާމަ މެދުކަނޑާލުމާ ގުޅިގެން ގާޒާގެ އެކި ސަރަހައްދުތަކުގައި ހިޔާވެހިކަން ހޯދައިގެން ތިބި ބައެއް މީހުން ދަނީ އެ މީހުން ދިރިއުޅުނު ހިސާބުގެ ހާލަތު ބޭލުމަށް ހިޖުރަ ކުރަމުންނެވެ.

މި ހޭދަވި 471 ދުވަހުގެ ތެރޭގައި، ނިޒާމީ ގޮތެއްގައި ސަހްޔޫނީން ހިންގި ޖަރީމާތަކުން ވެސް، ގާޒާ ރައްޔިތުން އަމިއްލަ ވަޒަނުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު ބަލިކޮށްލުމުގައި ވަނީ ނާކާމިޔާބުވެފައި.

- ހަމާސްގެ ބަޔާނުގައިވެ އެވެ.

ސަހްޔޫނީން ފަލަސްތީނުގެ ގާޒާ އަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 109،378 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ގާޒާގައި ސަހްޔޫނީން ހިންގަމުންދިޔަ "ލާއިންސާނީ ޖަރީމާ" އަހަރަކަށްފަހު މެދުކަނޑާލުމުން އެކަމަށް ގިނަ ގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ގާޒާގެ އިތުރުން ބައެއް ގައުމުތަކުގައި އެކަމާ ގުޅިގެން އަންނަނީ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވެސް ހިންގަމުންނެވެ.

ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމުގެ ފުރަތަމަ 42 ދުވަހުގެ ފުރަތަމަ މަރުހަލާގައި އިއްޔެ ވަނީ ހަމާސް އިން ރަހީނުކުރި ސަހްޔޫނީންގެ ތިން މީހަކު މިނިވަންކޮށްފަ އެވެ. އެ މީހުންގެ ބަދަލުގައި ސަހްޔޫނީން ވަނީ ފަލަސްތީނުގެ 90 މީހަކު މިިނިވަންކޮށްފަ އެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދިޔަ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved