ރަައީސް މުހައްމަދު މުއިއްޒު މަގާމުން ދުރުކުރަން ޖެހޭ ފަދަ ކުށްތަކެއް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައުމުގެ ކަންކަން ނުކިސިޔާރުކޮށް ދާއިރުވެސް ރައީސް މުއިއްޒު އެކަންކަމާ އަޅާ ނުލައްވާ ގައުމު އޮޔާދާން ދޫކުރައްވައިގެން ހުންނެވި މަންޒަރު ފެންނަ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ގައުމާ މެދު އިހުމާލުވަމުންދާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ގައުމުގެ ކަންކަން ހަމަ މަގުން ހިނގާތޯ ބަލާ އެކަން އެގޮތަށް ނުހިނގާނަމަ ކަންކަން ރަގަޅުކޮށް ގައުމު ހަމަ މަގަށް އެޅުވުމަކީ ގާނޫނު އަސާސީއިން އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކުރާކަމެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނަމަވެސް ފެނިގެން ދަނީ ރައީސް މުއިއްޒު އެ ޒިންމާ އަދާނުކުރައްވާ މަންޒަރު ކަމަށާ އެމަނިކުފާނުގެ މައްޗަށް އަދިވެސް ގާނޫނު އަސާސީއާ ތައާރަޒުވާ ކިތަންމެ ކަމެއް ކުރައްވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށާ އެއީ ރައީސް މުއިއްޒު މަގާމުން ދުރުކުރަން ޖެހޭ ފަދަ ކަންކަން ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ގާނޫނު އަސާސީގައި އެބަ އޮވޭ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށޤދޭން އޮންނަ ބައެއް. އަޅުގަޑުމެން ގެނައީ ގަވަނެންސް ނިޒާމެއް. އަޅުގަޑުމެން މިގެނައި ޑިމޮކްރެސީގެ ނިޒާމެއް. އެއީ އެއްވަނަ ދުނިޔޭގެ ގައުމުގެ ގައުމުތަކަ އެއްގޮތަށް ހިނގޭތޯ އަޅުގަޑުމެން މި ބަލަނީ. އެއީ އާޚިރުގައި ހިމާޔަތްވެގެން ދަނީ ރައްޔިތުންގެ ހައްގުތައް ކަމަށް ވާތީ. އެކަމަކު އެ ނިޒާމުން ނުވަތަ ގާނޫނު އަސާސީއިން ރައްޔިތުންގެ މަޖިލިސް މެމްބަރުންނާ މުއައްސަސާތަކުން ކުރަން ޖެހޭ ކަންކަން ނުކުރާ މަންޒަރު މިއުޅެނީ، ގާނޫނު އަސާސީއިން ބާރުތައް ދިފައި ހުރި މުއައްސަސާތަކުގެ ނިޒާޟު ނުދަމަހައްޓާތަން މި ފެންނަނީ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާ. ގާނޫނު އަސާސީގައި 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ބުނެފައިވޭ ދައުލަތުގެ މުއައްސަސާތައް ހިނގާ ނުހިނަގާ ގޮތް ބެލުން. އޭނާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނީ ހުކޫމަތާ އެއްގޮތަށް ހިނގާ ނުހިނގާތޯ ކަށަވަރުކުރުން. އެކަމަކީ ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ މައްޗަށް މަޖްބޫރުކޮށްފައި އޮންނަ ޒިންމާއެއް. މިހާރު މި ފެންނަނީ އެއްވެސް މުއައްސަސާއެއް ނުހިނގާތަން. އެހެންވީމަ މުއައްސަސާތައް ނުހިނގަނީ ކީއްވެތޯ ބަލާ އެކަމަށް ބޭނުންވާ ފަރުވާ އާސަންދައިގެ ތެރެއިންވިޔަސް އެންސްޕާގެ ތެރެއިން ވިޔަސް އެކަން ކުރަން ޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމަ މި ދަންނަވަނީ އިމްޕީޗަބަލް އޮފެންސްތަކެއް އެބަހުއްޓޭ މުއިއްޒުގެ މައްޗަށް.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ވެރިކަމަކީ ރައީސް މުއިއްޒަށް ލެއްގި ވެރިކަމެއް ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.