ދީފައިވާ މުއްދަތުގެ ތެރެގައި "ދަ ގާޑަންސް" ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓްއިން ނުނިންމުމުން އެއްބަސްވުން ބާޠިލުކުރުމަށް ޤާނޫނީ ނޯޓިސް އެ ކުންފުންޏަށް ފޮނުވައިފި އެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ "ދަ ގާޑެންސް" ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ.
އޭގެ ފަހުން އެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ފުލެޓު ގަތް މީހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާ ވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައި އުޅޭ ލޭބަރުން ވެސް އެކި މައްސަލަތަކުގައި ދޭތެރެއަކުން އިހުތިޖާޖު ކުރެއެވެ.
އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ދަ ގާޑަންސް" ޕްރޮޖެކްޓު ނިންމުމަށް އެކި ފަހަރު މަތިން ޖާހުއަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް އަދާ ހަމައަށް ވެސް އެ ކުންފުނީގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، އެޗްޑީސީއާއި ޖާހު ކުންފުންޏާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، އެޗްޑީސީގެ ބޯޑުން ނިންމާފައިވާނެ ކަމަށެވެ. އަދި އެ ނޯޓިސް ވަނީ މިއަދު ޖާހު ކުންފުންޏަށް ފޮނުވާފައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު ކުންފުނީގެ ފަރާތުން އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު ކުންފުނީގެ އަތުން ނެގުމަށް ވެސް އެޗްޑީސީގެ ނިންމާފައިވާނެ ކަމަށް ބުންޏެވެ.
އަދި އެ ފިޔަވަޅު އަޅާފައި ވަނީ ޖާހު ކުންފުނިން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައިކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މި ލަގްޒަރީ ހައުސިން ޕްރޮޖެކްޓްގައި 83 އެޕަރޓްމަންޓް ހިމެނެއެވެ. އެގޮތުން މި ޕްރޮޖެކްޓްގައި ހިމެނެނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.
ގާޑެންސް' ފްލްޓްތަކުގެ ނުނިމި ބާކީހުރި މަސައްކަތްތައް އެޗްޑީސީގެ ބެލުމުގެ ދަށުން ފެށި ކަމަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.