ފަލަސްތީނުގެ ޣައްޒާގައި ބަޔަކު އިމާރާތެއްގެ ހަލާކުވެފައިވާ ގާތަކެއްގެ މަތީ އިށީނދެލައިގެން. -- / އޭއެފްޕީ
ދުނިޔެ
ގާޒާގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެން މިސްރާއި އުރުދުން ދެކޮޅު ހަދައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

ގާޒާ ގެ ވަޒަންވެރިން އެތަނުން މުޅިން ހުސްކުރަން ބައެއް އަރަބި ގައުމުތަކުގެ ވެރިންނާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށި މަޝްވަރާ އަށް އުރުދުނާއި މިސްރުން ފާޅުގައި ދެކޮޅު ހަދައިފި އެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާ ބޭނުންފުޅު ވަނީ ފަލަސްތީން އާ އިންވެގެން އޮތް އުރުދުން އާއި މިސްރު ގައި މީހުން ބައިތިއްބަން ކަމަށާއި، އާދިއްތަ ދުވަހު މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީއާ މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. 

ޓްރަމްޕް ވަނީ ގާޒާއިން މީހުން ބޭލުމަކީ ވަގުތީ ނުވަތަ ދާއިމީ ކަމަކަށް ވެސް ހެދިދާނެ ކަމަށް ވިދާޅުވެފަ އެވެ. މިއަދު ގާޒާ ވަނީ މުޅި ތާރީހުގައި ސުންނާފަތި ނުކުރާ ވަރަށް ސުންނާފަތިކޮށްލައިފަ އެވެ.

އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ވިއްސިވިހާލިކޮށްލުމާ ދެކޮޅު ކަމަށާއި އެކަން އަބަދުވެސް އޮންނާނީ އެހެން ކަމަށެވެ.

ގާޒާގެ ގިނަ މީހުންނަކީ ފަލަސްތީނުގެ ރެފިއުޖީން ނުވަތަ އެ މީހުންގެ އާއިލާތަކެވެ. އުރުދުންގައި މިހާރުވެސް ފަލަސްތީނުގެ ގާތްގަނޑަކަށް 2.3 މިލިއަން ރެފިއުޖީން ރެޖިސްޓްރީކޮށްފައިވާ ކަމަށް އދ.ގެ ހިސާބުތަކުން ދައްކަ އެވެ.

މިސްރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާގޮތުން ގާޒާގެ ރައްޔިތުން ގާޒާއިން ބޭރުކުރުމަކީ މިސްރު ދެކޮޅު ހަދާކަމެކެވެ. އަދި އެކަމަށް އެއްބާރުލުން ދޭނެކަމެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމާއި ވަޒަން ގެއްލިގެންދާނެތީ އެވެ.

އެއްވެސް ސަބަބަކާހެދި ވަގުތީގޮތުންކަމަށްވިޔަސް އަދި ދިގުމުއްދަތަކަށް ވިޔަސް ފަލަސްތީނުގެ އެއްވެސް ސަރަހައްދެއްގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރާގޮތަށް ހިންގާ އެއްވެސް އަމަލަކަށް ނޫނީ ހަރަކާތަކަށް މިސްރުގެ އެއްބާރުލުމާއި ތާއީދު ނުލިބޭނެކަމަށް މި ބަޔާން ބުނެއެވެ.

ގާޒާއިން މިސްރުގެ ސައިނާއީގެ ސަހަރާތެރެއަށް މަޖުބޫރުން މީހުން ގެންދާ ނަމަ އެކަން ވާނީ މިސްރުން 1979 ވަނަ އަހަރު އިޒްރޭލާ އެކު ސޮއިކުރި ސުލްހައިގެ މުއާހަދާއާ ހިލާފްވުމަށް ކަމަށް ވިދާޅުވެ މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވެސް ކުރިން ވާހަކަ ދައްކަވާފައިވެ އެވެ.

ގާޒާގައި ހަމާސް ޖަމާއަތާ އެކު ހަނގުރާމަ ކުރަމުން އަންނަ އިސްލާމިކް ޖިހާދުން ވަނީ ޓްރަމްޕްގެ ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެއީ އަމިއްލަ ވަޒަން ދޫކޮށް ދާން ބާރުއެޅުމާ އެކު، ނަސްލު ނައްތާލުމުގެ ހަނގުރާމައަކަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ބުނެފަ އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވެސް ވިދާޅުވީ ޓްރަމްޕް ދެއްކެވީ ވަރަށް ނުރައްކާ ވާހަކައެއް ކަމަށާއި އެ ވާހަކަ ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކުގެ ނިޔަތާ މެދު މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ގާޒާއަށް ވެރިވެގަތުމަކީ ޔަހޫދީންގެ ބޭނުމެކެވެ. އަދި، އެ ބިންތައް ފޭރިގަނެ، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޒަޔަނިސްޓު ސަހްޔޫނީންގެ ސަރުކާރުގެ އަމާޒެކެވެ. އެ ކަން ކުރެވޭނީ، ގާޒާގެ ރައްޔިތުން ރެފިއުޖީންނަށް ހަަދައި، އެ މީހުންގެ ގެދޮރާއި ވަޒަނުން ބޭރުކޮށްގެންނެވެ. ޒަޔަނިސްޓު ސަހްޔޫނީންގެ ދައުލަތް ގާއިމު ކޮށްފައި ވަނީ ވެސް، ފަލަސްތީނުގެ މުސްލިމުންގެ ބިންތައް ފޭރިގަނެ، އެ ތަނުގެ އަހުލުވެރިން ރެފިއުޖީންގެ ގޮތުގައި އަމިއްލަ ވަޒަނުން ބޭރު ކުރުމަށް ފަހު އެވެ.

ރިޕޯޓްތައް ބުނާގޮތުން ސަހްޔޫނީން ގާޒާގެ އާންމުން މަރައި ހޮސްޕިޓަލްތަކަށް ބޮންއަޅައި ގާޒާގެ ރައްޔިތުން ބަނޑަށް ޖެއްސީ ގާޒާގެ ރައްޔިތުން މަރަށް ބިރަށް އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ މަގްސަދުގައެވެ. މިގޮތަށް އަނިޔާކުރުމުން ގާޒާގެ ރައްޔިތުން އެމީހުންގެ ވަޒަންދޫކޮށް އަވަށްޓެރި ގައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާނެކަމުގެ އުންމީދުގައެވެ.

ނަމަވެސް އެކަން އެގޮތަށް ނުވުމުން ދެން ސަހްޔޫނީން މަސައްކަތްކުރީ އެމެރިކާ މެދުވެރިކޮށް އަރަބިންނަށް ފިއްތުންތައް ކުރިމަތިކޮށްގެން އެކަން ކުރުމަށެވެ. ނަމަވެސް މިގޮތަށްވެސް އެކަން ނުކުރެވޭނެކަން މިހާރު މިވަނީ ޔަގީންވެފަ އެވެ.

ގާޒާގެ ރައްޔިތުންނަށް ސަހްޔޫނީން ދެމުން ގެންދިޔަ ޓެރަރިސްޓް ހަމަލާތަކާއި ގާޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް ސަހްޔޫނީން ހިންގާ ގަތުލުއާންމުތަކުގެ ފަހަތުގައި ތިބެ ސަހްޔޫނީނަށް ވާގިވެރިވަނީ އެމެރިކާއާއި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުފަދަ ހުޅަނގުގެ ނުރައްކާތެރި އިސްތިއުމާރީ ބާރުތަކެވެ.

މިއިން ކޮންމެ ގައުމަކީވެސް މިލިޔަނުން އިންސާނުން ގަސްތުގައި މަރާފައިވާ ކަމުގެ ރެކޯޑް އޮތް ގައުމުތަކެވެ. މުސްލިމުންގެ ދުޝްމަނުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved