ޖެނިންގައި ހިންގި އަސްކަރީ ޙަމަލާއެއްގެ ތެރެއިން / އޭއެފްޕީ
ދުނިޔެ
ސަހްޔޫނީ ސިފައިންގެ ހަމަލާތަކުގައި ފަސް މީހަކު ޝަހީދުވެއްޖެ: ފަލަސްތީނުގެ ހެލްތު މިނިސްޓްރީ
Hussain Nawaf
ހުސައިން ނަވާފް
02 ފެބްރުއަރީ 2025
ޣައްޒާ

ސަހްޔޫނީ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސަރަހައްދުގައި ހޮނިހިރު ދުވަހު ވަކިވަކިން ދިން ހަމަލާތަކުގައި ފަސް މީހަކު ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖެނިންގެ އިރުމަތީ އަވަށްތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އުމުރުން 16 އަހަރުގެ އަހުމަދު އަލް ސާދީ މަރުވެ އިތުރު ދެ މީހަކު ސީރިއަސްކޮށް ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރިކަމަށް މީޑިއާތަކުންދަނީ ރިޕޯޓު ކުރަމުންނެވެ.

ކާރަކަށް އަމާޒުކޮށްދިން އިތުރު ހަމަލާއެއްގައި، ޤަބާތިޔާ ސަރަހައްދުން ދެ މީހަކު ޝަހީދުވިކަމަށް މިނިސްޓްރީން ބުނެފައިވާއިރު، ތިންވަނަ ހަމަލާއެއްގައި ޖެނިންގެ މެދުތެރޭގައި ދެ މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ ގަބަތިޔާ ސަރަހައްދުގައި ކާރަކަށް އަމާޒުކޮށް ހަމަލާދިންކަން ކަށަވަރުކޮށްދީފައެވެ.

މިދިޔަ މަހު ސަހްޔޫނީންގެ އަސްކަރިއްޔާއިން ވަނީ ހުޅަނގު އައްސޭރީގެ ޖެނިން ސަރަހައްދުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތައް ނައްތާލުމުގެ މަގުސަދުގައި “އަޔަން ވޯލް” ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ސަހްޔޫނީ ސިފައިން ހަނގުރާމަ ފެށުނު ފަހުން ވެސްޓް ބޭންކުގައި ފަލަސްތީނުގެ ގިނަ ހަނގުރާމަވެރިން ހިމެނޭ ގޮތަށް މަދުވެގެން 881 ފަލަސްތީނު މީހުން މަރާލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved