

އައްޑޫއަށް ނިސްބަތްވާ މީހުންނަކީ އެމަނިކުފާނާ ބެހޭ ބައެއް ނޫން ކަމަށާ އެމަނިކުފާނުގެ ޒިންމާއެއް އައްޑޫ މީހުންގެ މައްޗަށް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓިއަކުންނެވެ.
މަޖިލިސް މެމްބަރުން ސިޓީ ފޮނުވާ ލެޓަރ ހެޑްގައި އަބްދުއްރަހްމާނު ރައީސް މުއިއްޒަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ހާމަކޮށްފައިވާ ގޮތުގައި، ޣައްސާން ވަނީ އައްޑޫ މީދޫ ރައްޔިތުންނާއި އައްޑޫ ރައްޔިތުންނަށް އަދި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ނިކަމެތި ގޮތަކަށް ވާހަކަ ދެއްކެވުމުން އެކަން ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.
ރިޔާސީ ބަޔާނަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރެއިން ވަޒީރު ޣައްސާން މައުމޫން އާއި އަޅުގަނޑު ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ވަޒީރަށް އަޅުގަނޑު ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ އަޅުގަނޑު ދެންނެވިން. އަޅުގަނޑު މިހެން ދެންނެވުމުން ވަޒީރު ކޯފާ އިސްކުރެއްވި
އަބްދުއްރަހްމާން ވިދާޅުވީ ޣައްސާން ކޯފާ އިސްކުރައްވައި ވިދާޅުވީ "ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށެވެ.
އޭގެއިތުރުން އައްޑޫ ރައްޔިތުންނާ ޣައްސާން ބައްދަލު ކުރައްވައި ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ވޯޓު ދީފިނަމަ، އައްޑޫ ރައްޔިތުން ދުވަހަކު ވެސް އެހެން ބަޔަކަށް ވޯޓު ނުދެވޭ ވަރު ކޮށްދޭނެ ވާހަކަ ހަނދުމަކޮށް އެރުވުމުން، "ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން، އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށް ވިދާޅުވި ކަމަށެވެ.
އަބްދުއްރަހްމާން ވަނީ ރައީސް މުއިއްޒުއަށް ފޮނުއްވި ސިޓީގައި ޣައްސާން އަރިހުގައި އައްޑޫ ރައްޔިތުން ކިބައިން މައާފަށް އެދުމަށް ދަންނަވަން އެދިފައެވެ. އަދި ވަޒީރުކަމުގެ ހުވައި އަލުން ޣައްސާނަށް ލައިދެއްވުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
މިފަދަ ކަމެއް ފެންމަތިވެފައިވާއިރު، މިނިސްޓަރު ޣައްސާނު ކުރައްވައިގެން ހުންނެވި ހުވާގައި ދިވެހި ގައުމަށާ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް އޮންނަ ބައިން "އައްޑޫ ރައްޔިތުން" ބާކީވީ ގޮތަކާ މެދު ސުވާލު އުފެދެއެވެ.