ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ކުރަމުންދާ ކަަމަށް ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީއިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ އޭސީސީން ތަހުގީގުކޮށް ބެލި ބެލުމުން ޝަރުތުހަމަވެ އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައި ނުވާ ފޯމްތައް މި މަހުގެ 8 ވަނަ ދުވަހު އެ ކޮމިޝަނުން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ފޮނުވާފައިވާ ލިސްޓް ގައި ހިމެނޭ ފޯމްތަަކަކީ ތަހުގީގު ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމު ކުރަމުންދާ ކަމަށް ވެސް ހައުސިން އިން ވަނީ ހާމަކޮށްފައެވެ.
ނިމިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓްގެ ލިސްޓަށް ޕޮއިންޓް ދީފައިވަނީ މަކަރާ އޮޅުވާލުމުގެ ތެރެއިން ކަމަށް އޭސީސީއިން ވަނީ ކުރި ތަހުގީގަށް ފަހު ހާމަކޮށްފައެވެ.
ޝަރުތު ހަމަނުވިޔަސް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅުމަށް ކުރީ ސަރުކާރުން ހަދާފައިވާ ގޯސްތައް އޭސީސީ އިން ވަނީ ތަފްސީލުކޮށް ކިޔައިދީފައެވެ.
މާލޭގައި 15 އަހަރު އުޅެފައިވާކަން ކަށަވަރު ކޮށްފައެއް ނުވޭ
ގޭގެ ވެރިފަރާތުން ނުވަތަ ރަށު ކައުންސިލަކުން ދީފައިވާ ލިޔުމަކަށް އެކަނި ބުރަދަން ދީފައިވޭ
ސޯޝަލް ހައުސިން ޔުނިޓް ލިބިފައިވާ މީހުން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވޭ
މަހަކު 60،000 އަށްވުރެ އާމްދަނީ އިތުރު މީހުންނަށް ފްލެޓް ދީފައިވޭ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގެ 3 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ފްލެޓް ލިބޭނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ ފަރާތެއް ކަމުގައި ވުން ނުވަތަ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާ ފަރާތްތަކަށެވެ.
އޭސީސީ އިން ބުނީ 15 އަހަރު މާލޭގައި އުޅެފައިވާކަން ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓެގްރޭޓް ކޮށްފައިވާ ދައުލަތުގެ ޑޭޓާ ބޭސްތަކުގައިވާ މައުލޫމާތުން އެނގެން އޮންނައިރު، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތުތަކަށް އެކަނި ބުރަދަން ދީފައިވާ ކަމަށެވެ.
ޕޮއިންޓް ދިނުމުގައި ހުރި މައްސަލަތައް
ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބަލަމުންދާކަން ބަޔާންކޮށްފައި ނުވާއިރު ޕޮއިންޓް ދީފައިވޭ
ފޯމުގެ އެކި ބައިތަކުގައި މައުލޫމާތުގެ ފުށުއެރުންތައް ހުއްޓައި ވެސް ޕޮއިންޓް ދީފައިވޭ
18 އަހަރުން ދަށުގެ ކުއްޖަކު ނެތް މީހުންނަށް ވެސް ދަރިންގެ ބައިން ޕޮއިންޓް ދީފައިވޭ
ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ކަށަވަރު ނުކޮށް ޕޮއިންޓް ދީފައިވޭ
އިތުރަށް ޕޮއިންޓް ދީފައިވޭ
އޭސީސީ އިން ބުނީ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތުގެ ފުށުއެރުންތައް ހުރި ކަމަށެވެ. އަދި، ޝަރުތު ހަމަވާ ކަމަށް ކަނޑައެޅުމުގައްޔާއި ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައި ވަނީ އެއް ހަމަޔަކުން ނޫން ކަމަށެވެ. މިކަންކަމަށް ރިއާޔަތް ކުރާއިރު ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލުމުގެ އިހުތިމާލް އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވެސް ބުންޏެވެ.
އޭސީސީ އިން މައްސަލަ ތަހުގީގުކޮށް މައުލޫމާތު ހާމަކުރިއިރު، ހައްގު ނޫން އެއްވެސް މީހަކަށް ފްލެޓް ދީފައި ނުވާނެ ކަމަށް ކުރީގެ ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.