

މީޑިޔާ ރިންގް ޕްރައިވެޓު ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ "ޗެނަލް13" އިން ދެއްކި "ބެލްކަނީ" ޑޮކިއުމަންޓްރީގެ ކޮންޓެންޓު ވަގުތީ ގޮތުން ނުދެއްކުމަށް އަންގާ ބްރޮޑްކޮމްއިން އެ ޑޮކިއުންމަންޓްރީ ދެއްކުމަށް ހުރަސް އަޅާފައި އޮންނަތާ 4 މަސް ފާއިތުވެއްޖެއެވެ.
އެ ޑޮކިއުންމަންޓްރީއަކީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު މާލެގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަނީއިން ވެއްޓި ނިޔާވި ވިފާގު އިބްރާހިމު އަދްނާނުގެ މަރާ ގުޅުން ހުރި އެތައް މައުލޫމާތުތަކެއް ސަރުކާރުން ސިއްރުކޮށްފައި އޮތުމުން އެ މައުލޫމާތުތައް ހާމަކޮށް ގެެނެސްދިން ޑޮކިއުމަންޓްރީއެކެވެ.
އެގޮތުން އެ ޑޮކިއުންމަންޓްރީ އޮކްޓޯބަރު 2024، 5 ވަނަ ދުވަހުގެރޭ އޮން އެއާކޮށް ބްރޮޑްކާސްޓުކުރުމާ އެކު ބްރޮޑްކޮމްއިން ވަނީ ޖެހިގެން އައި ދުވަހު ޗެނަލް13އަށް ސިޓީއެއް ފޮނުވާ އެ ކޮންޓެންޓު ވަގުތީ ގޮތުން ދެއްކުން މަނާކޮށް ސޯޝަލް މީޑިޔާގެ ޕްލެޓު ފޯމުތަކުންވެސް ކޮންޓެންޓު ނެގުމަށް އަންގާފައެވެ. އަދި ޑޮކިއުންމަންޓްރީއާ ގުޅިގެން ބްރޮޑްކޮމް އިން މައްސަލަ އެއް ބަލަމުންދާތީ މައްސަލަ ނިމެންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް އަންގާފައިވެއެވެ.
މައްސަލަ ބަލާނީ އަވަސް މައްސަލައެއް ގޮތުގައި ކަމަށް ބްރޮޑްކޮމްއިން ކުރިން ބުނި ނަމަވެސް މައްސަލަ އޮތް ހިސާބެއް އޮޅުން ފިލުވުމަށް ބްރޮޑްކޮމްގެ އެސްޖީއަށް މެސެޖު ކޮށްލުމުން ވިދާޅުވީ އަދިވެސް މައްސަލަ ބަލަމުން ދަނީ ކަމަށެވެ. އެހެންކަމުން ކޮންޓެންޓު ނުދެއްކުމަށް އަނެއްކާވެސް ހަނދާން ކޮށްދީފައިވެއެވެ.
ނަމަވެސް މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބްރޮޑްކޮމްއިން ކުރިން ބުނިނަމަވެސް އެތައް މަހެއް ފާއިތުވިއިރުވެސް މައްސަލަ ބަލާ ނުނިމިގެން އުޅޭ ސަބަބެއް ވިދާޅުނުވެއެވެ.
"ބެލްކަނީ" ޑޮކިއުންމަންޓްރީގައި މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްއަށް އެ މައްސަލައިގައި ތުހުަތުތަކެއް ވިފާގުގެ އާއިލާގެ ފަރާތުން އަމާޒުކޮށްފައިވާތީ އެކަމަށް ވެސް އަލި އަޅުވާލާފައިވާއިރު، އެ ދޮކިއުންމަންޓްރީ ބެލުމުގެ ޝައުގާ އެކު އަދިވެސް އެތައް ރައްޔިތުންނެއް އެބަ ތިއްބެވެ. އަދި ޑޮކިއުމަންޓްރީ ސިލްސިލާކޮށް ދެއްކުމަށް ބޭނުންވެ އެ ޑޮކިއުމަންޓްރީ ސްޕޮންސަރ ކުރުމަށް އެތައް ވިޔަފާރިއަކުން އެދެމުންވެސް ގެންދެއެވެ.
އެހެންކަމުން 'ބެލްކަނީ" ޑޮކިއުމަންޓްރީއަށް ބްރޮޑްކޮމްއިން ވާނުވާ ޖަހާފައި އޮތުމުން އެ ޑޮކިއުމަންޓްރީ ދެއްކި ޓީވީ ސްޓޭޝަންއަށް ވަންނަން ޖެހޭ އެތައް ފައިސާއެއް ނުވަދެ ދަނީ ގެއްލުންވަމުން ކަމަށް ސްޓޭޝަންގެ މެނޭޖުމަންޓުން ހާމަކުރެއެވެ. އަދި އެކަމުގެ ޒިންމާ ބްރޮޑްކޮމްއިން ނަގާނެ ތޯ ސުވާލުވެސް އުފައްދާފައިވެއެވެ.