ރައީސް މުއިއްޒުގެ ސަރުކާރުން ސުޕްރީމު ކޯޓަށް ނުފޫޒު ފޯރުވަން އުޅޭކަމުގެ ތުހުމަތު / ރައީސް އޮފިސް
ހަބަރު
ސަރުކާރުން ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށް ނުފޫޒުފޯރުވަން އުޅޭކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
09 ފެބްރުއަރީ 2025
މާލެ ސިޓީ

ސަރުކާރުން ބޭނުންވާ ގޮތަށް ކޯޓުގެ ތެރެއިން ކަންކަން ނުހިނގާތީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށް ނުފޫޒުފޯރުވަން އުޅޭކަމަށް އެމްޑީޕީއިން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އެކި ނިންމުންތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށާއި، އެހެނިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެގޮތުން ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ، ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލު ކަމަށް ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު އަލީ ހުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީއިން ފާހަގަ ކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ވަނީ ރާވާފައެވެ. އަދި ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަނުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައިވާކަމަށް ވެސް އެމްޑީޕީއިން ތުހުމަތުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނެފައިވަނީ، ޖުޑީޝަރީ އަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ގެންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި، އަދި ރައްޔިތުންގެ އިތުބާރު އޮތް ޖުޑީޝަރީއެއް ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކުށްވެރިކޮށް، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އެމްޑީޕީއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެދުވުމުގައި މި ޕާޓީ ދެމިއޮންނާނެކަމުގެ ޔަގީންކަން އެންމެހައި ދިވެހިރައްޔިތުންނަށް އަރުވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved