March 12, 2026
Advertisement
ހަމާސްއިން ވަކި ގޮތެއް ހަަމަޖައްސަންދެން އަސީރުން ދޫކޮށްލުން ފަސްކޮށްފި
ހަމާސްއިން ވަކި ގޮތެއް ހަަމަޖައްސަންދެން އަސީރުން ދޫކޮށްލުން ފަސްކޮށްފި / އޭޕީ

އެއްބަސްވުމާ ހިލާފުވާތީ، އަސީރުން މިިނިވަން ކުރުން ހުއްޓާލައިފިކަމަށް ހަމާސްއިން ބުނެފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 11, 2025, 04:55 PM
މާލެ ސިޓީ

ފަލަސްތީނުގެ ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ ޔަހޫދީން މިނިވަން ކުރުން ލަސްކޮށްފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

Advertisement

ހަމާސުން ބުނި ގޮތުގައި ރަހީނުން މިނިވަންކުރުން ލަސްކުރަން ޖެހުނީ، ހަމާސާއި ޒަޔަނިސްޓު ސަހްޔޫނީން ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ހިލާފުވަމުންދާތީ އެވެ.

ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ ބުނި ގޮތުން ސަހްޔޫނީން ދަނީ ސުލްހައިގެ އެއްބަސްވުންތަކާ ހިލާފުވަމުންނެވެ. މޭޒު ދޮށުން އެއްބަސްވި ގޮތަށް، ސަހްޔޫނީންގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ހަނގުރާމަވެރިން ދޫނުކުރާ ކަމަށްވެސް ތަރުޖަމާން ބުންޏެވެ.

ގާޒާއިން ފައިބައިގެން ދިޔަ މީހުން އެނބުރި އަންނައިރު އިޒުރޭލުން ހުރަސްނާޅާނެ ކަމަށް ބުނި ނަމަވެސް، ފެންނަނީ އެ މަންޒަރު ނޫން ކަމަށް އަބޫ އުބަދައިދާ ބުންޏެވެ.

ފަލަސްތީންގެ އާންމުގެ ގަޔަށް ބަޑިޖެމާއި މީހުން މެރުން އަދި އެހީ ހިފައިގެން އަންނަ ޣާފިލާތަކަށް ހުރަސްއެޅުން ފަދަ ކިތަންމެ ކަމެއް ސަހްޔޫނީން ކުރަމުން އަންނަ ކަމަށް ޓެލެގްރާމް އެނައުސްމަންޓެއްގައި ތަރުޖަމާން ވަނީ ބުނެފަ އެވެ.

ހަމާސްއިން ކުރަން ބުނި ހުރިހާ ކަމެއް ކުރަމުން ދާޢިރު، ސުލްހައިގެ އެއްބަސްވުމަށް އިޒުރޭލުން ތަބާނުވާ ކަމަށްވެސް ތަރުޖަމާން ބުންޏެވެ.

ޖެނުވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން ހަމާސުން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން 16 މީހުން މިނިވަން ކޮށްފަ އެވެ. އަދި، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އެ ޖަމާއަތުން ޖުމުލަ 33 އަސީރުން މިނިވަން ކުރާނެ އެވެ. އޭގެ ބަދަލުގައި، ޔަހޫދީން ވަނީ ޖަލުތަކުގައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 566 މީހުން މިނިވަން ކޮށްފަ އެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން ޔަހޫދީން ވެސް ފަލަސްޠީނުގެ 1,900ށްވުރެ ގިނަ މީހުން މިނިވަން ކުރަން ޖެހޭނެ އެވެ.

ސަހްޔޫނީން ފަލަސްތީނުގެ ގާޒާއަށް އޮކްޓޯބަރު 7، 2023 އިން ފެށިގެން ދެމުންދިޔަ ހަމަލާތައް ހުއްޓުމަކަށް އައިސްފައިވާއިރު، ހަމަލާތަކުގައި ފަލަސްތީނުގެ 48،283 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved