ރައީސް އަބްދުﷲ ޔާމީނަށް ގާނޫނީ އެހީތެރިކަން ބޭނުންވެވަޑައިގެންނެވި ދުވަހު އެމަނިކުފާނުގެ އާދޭސް ބޮލާލާ ޖެހި މީހުން މިހާރު ތިބީ ސަރުކާރުގެ އިސް ފަޑީގައި ކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބަށް ޕީއެންއެފް ޓިކެޓުގައި ވާދަކުރާ ފަރާތްތައް ތައާރަފްކުރުމަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ވައުދަކީ ރައީސް ޔާމިން މިނިވަން ކުރުން ނަމަވެސް އެކަން އަދިވެސް ނުވާ ކަމަށެވެ.
ބަހާ އަމަލާ ދިމާ ނުވުމަކީ މުނާފިގުންގެ ސިފައިއެއް ކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންއަށް އަނިޔާވެރިވީ މީހުން ކައިރިކޮށް މަގާމުތައް ބަހަމުން ރައީސް މުއިއްޒު ގެންދަވާ ކަމަށެވެ.
އެމަނިކުފާނަށް ގާނޫނީ އެހީތެރިކަން ބޭނުންވި ދުވަހު އެ އެހީތެރިކަން ފޯރުކޮށްދޭނެ ބަޔަކު ނުވި. އެކަމު މިހާރު މި ސަރުކާރުގައި ގާނޫނީ ފަންނުގެ އިސް ބޭފުޅުން އެބަ ތިބި. އެދުވަހު އެމީހުން ތިބީ ކޮންތާކު ކަމެއް ނޭނގޭ.
ޑރ، ޖަމީލު ވިދާޅުވީ، ރިޔާސީ ވައުދުތައް ރަނުން ރަނަށް ފުއްދަމުންެ ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު އެއް ވައުދެއްގެ މަތިން ހަނދާނ ނައްތާލާފައިވާ ކަން ރައްޔިތުން އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަމުންދާއިރުވެސް އެޔަށް ޖަވާބެއް ނުދެއްވާ ހުންނެވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ވެރިކަމަށް ތިން މަހާ ގާތްވެފައިވާއިރު އަދިވެސް ރައީސް ޔާމީން ހުންނެވީ ނުހަގުން ބަންދުގައެވެ.