މައްސަލަ ބަލަން ފަށާފައިވަނީ ރައީސް އޮފީހުގެ އެންގުމަކަށް މައުލޫމާތު ލިބިފައިވޭ / ރައީސް އޮފިސް
ހަބަރު
މުއިއްޒުގެ އެމްއެމްޓީވީއިން 35 މިލިއަން ރުފިޔާ ނެގިކަން ރިޕޯޓުކޮށްގެން ޗެނަލް 13 ގެ މައްސަލައެއް ބްރޮޑްކޮމްއިން ބަލަނީ!
11 ފެބްރުއަރީ 2025
މާލެ ސިޓީ

މުއިއްޒުގެ އެމްއެމްޓީވީއިން 35 މިލިއަން ރުފިޔާ ނެގިކަން ރިޕޯޓުކޮށްގެން ޗެނަލް 13 ގެ މައްސަލައެއް ބްރޮޑްކޮމްއިން ބަލަން ނިންމައިފިއެވެ.

ބްރޮޑްކޮމްގެ ސެކެރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއިކޮށް ޗެނަލް13 އަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ޗެނަލް13ގެ "އިރާދަން" ޚަބަރުގައި ގެނެސްދިން ބޮޑު ރިޕޯޓު، "35 މިލިއަނުން ޚަލީލަކަށް ނުވި" ރިޕޯޓުގެ މައްސަލަ ކޮމިޝަނުން ބަލަން ނިންމާ މިހާރު މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

އެހެންކަމުން މައްސަލަ ބަލާ ނިންމާ ވަކި ގޮތެއް ކޮމިޝަނުން އަންގަންދެން ކޮންޓެންޓު ރައްކާކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ނަޒަރު ހިންގާފައި ވާނީ އެމްއެމްޓީވީ ހިންގަން ދައުލަތުގެ އިޖްތިމާއީ ކަންކަމާ ބެހޭ ކުންފުނި އެންސްޕާއިން ކުރި ޚަރަދާ އަދި އެކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލުގެ ބައިވެރިވުން އޮތް މިންވަރެވެ.

މައްސަލަ ބަލަނީ ރައީސް އޮފީހުގެ އެންގުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބްރޮޑްކޮމްއިން ޗެނަލް13 އަށް ފޮނުވި ލިޔުން

އެހެންކަމުން ކޮރަޕްޝަނަށް ދެނީ ޒީރޯ ޓޮަލަރެންސް ކަމަށް ބުނި ސަރުކާރުން މި މައްސަލަ ބްރޮޑްކޮމްއަށް ހުށަހަޅާ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަން މިދަނީ މަސައްކަތްކުރަމުން ކަން ފާހަގަކޮށްލެވެއެވެ.

މީގެ ކުރިން ޗެނަލް13 އިން އޮންއެއަރ ކުރި "ބެލްކަނީ" ޑޮކިއުމެންޓްރީގެ މައްސަލަވެސް އަވަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އެ ކޮންޓެންޓުވެސް ދެއްކުން މަނާކޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުން އެތައް މަހެއް ފާއިތުވިއިރުވެސް އަދިވެސް ކޮމިޝަނުން އެ މައްސަލަވެސް ބަލާ ނިންމާފައިނުވެއެވެ.

ސަރުކާރުން ޗެނަލް13 އަށް ހުރަސް އަޅަން މަސައްކަތްކުރަމުން ދާއިރު، ރާއްޖެ ޓީވީއިން ދެއްކި ލަވައެއްގެ މައްސަލަވެސް ބްރޮޑްކޮމް އިން ބަލަމުން ގެންދެއެވެ. އެހެންކަމުން މިއީ ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރަމުން މިހާރު ދާ ޓީވީ ސްޓޭޝަންތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާއެއްކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

މިނިވަން ނޫސްވެރިކަމަކީ އިމެއް ނެތް މިންވަރަކަށް ލިބޭނެ އެއްޗެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރު އައި ފަހުން ފެނިގެން ދަނީ ސަރުކާރު ޒިންމާދާރު ކުރުވަން ބަސް ބުނަމުންދާ ނޫސްތަކާ ޓީވީ ސްޓޭޝަންތަކަށް ވެސް ފިޔަވަޅު އަޅަން މަސައްކަތްކުރާ މަންޒަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved