

ސަރުކާރުން ޓެކްސީ ވިޔަފާރި އަށް ވަނުމަކީ އެތަށް ބަޔަކަށް ލިބިގެންދިޔަ ގެއްލުމެއް ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދައުލަތުން ފަށަން ނިންމާފައިވާ ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އެކު ޓްރާންސްޕޯޓު މިނިސްޓްރީންވަނީ މިއަދު މީރު މާ ހޯލުގައި އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.
ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް މެދުވެރިކޮށްށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހާއްސަ އެޕްލިކޭޝަނެއް ނެރިގެންނެވެ. އަދި މި ހިދުމަތަކީ ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށް ފަރުމާ ކުރާނެ ހިދުމަތެއްކަން ޓްރާންސްޕޯޓު މިނިސްޓްރީންވަނީ ފާހަގަކޮށްފަ އެވެ.
އެ ކަމަށް ފާޑުވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ "އެކްސް"ގައި ޕޯސްޓްކުރައްވާ ނުރުހުން ފާޅުކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ.
އަދި އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވާލުމަށް ކަމަށާއި ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ އެއިން ސާފުވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ވަކި މިސްރާބެއް ނެތް ކަން ކަމަށެވެ.
ސަރުކާރު ވާން ޖެހޭނީ އާންމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް. އާންމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން،
ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ ވަރަށް ޒަރޫރީ ހިދުމަތަތަކަށްވުމާ އެކު، އީވީ ޓެކްސީ ލައިން ވާނީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށާއި ލުޔަކަށް ކަމަށެވެ. އަދި މިއީ ސަތޭކަ ޕަސަންޓް އީވީ ހިދުމަތަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވަނީ އާންމު ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށާއި ބޭނުން ވަނީ ޓެކްސީ ހިދުމަތްތައް ރަނގަޅަށް ރެގިއުލޭޓްކޮށް، ކަނޑައަޅާ ސްޓޭންޑާޑެއްގެ ދަށުން އެ ހިދުމަތް ދެވޭނެ އިންތިޒާމެއް ކަނޑައަޅަން ކަމަށްވެސް ވިދާޅުވެފަ އެވެ.