March 25, 2026
Advertisement
ނާޒިމް
ނާޒިމް / -

ރައީސް ޔާމީން މިނިވަންކުރި މައްސަލައިގައި ނާޒިމްގެ ބަހުގެ ހަމަލާ ސުޕްރީމު ކޯޓަށް!

Feb 25, 2025, 10:25 PM
މާލެ ސިޓީ

ގއ ވޮޑެމުލާ މައްސަލާގައި، ރައީސް އަބްދުﷲ ޔާމީން ފްރޭމުކޮށް ނިމިދިޔަ ސަރުކާރުން އިއްވި ނުހައްގު ހުކުމް ސުޕްރީމު ކޯޓުން ބާތިލުކޮށްފައިވާތީ، މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނަޒިމްގެ ބަހުގެ ހަމަލާތަކެއް އެ ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުކުރައްވައިފިއެވެ.

Advertisement

ދިއްގަރު ދާއިރާގެ ގޮނޑިވެސް ފުރުއްވަމުން ގެންދަވާ ނާޒިމްގެ ބަހުގެ ހަމަލާތަކެއް ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް އަމާޒުކޮށްފައިވަނީ، ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނާޒިމު ވަނީ ސުޕްރީމު ކޯޓުގައި މިހާރު ތިއްބެވީ ސިޔާސީ އޮއިވަރުގައި ޖެހިގެން، ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ސިޔާސީ ހުކުމްތައް ނެރެމުންދާ ފަނޑިޔާރުން ކަމަށް ވިދާޅުވެފައެވެ. އަދި އެ ފަނޑިޔާރުން ތިބީ ސިޔާސީ ވެރިން ޖަހަމުންދާ ބެރުތަކަށް ނެށުމަށް ތައްޔާރަށް ތިބިކަމުގެ ސިގްނަލްތައް ދެމުން ކަމަށް ވެސް ނާޒިމްގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

އެކޯޓުގެ ނިންމުންތަކުގެ ނިހާއީ ހުކުމްތައް އިއްވާފައިވާ ކަމަށާ އެތަނުން ނިންމާ ނިންމުންތަކުގެ ސަބަބުން މުޖުރިމުން މިނިވަންވެ ގޭގެ ފެންޑާގައި ސިޓްކޮމް އުސޫލުން ޖަލްސާތައް ބާއްވާ މަންޒަރުވެސް ފެންނަމުންދާކަމަށެވެ.

އެހެންކަމުން ކުށްވެރިން ދޫވެ ކުށްނުކުރާ ފަރާތްތައް ޖަލަށްލެވި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ހުކުމްތައް ކުރަން ފެށުމުން މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަސްޖެހިގެން ނުވާނެ ކަމަށެވެ.

ނާޒިމް އެ އިޝާރާތްކުރެއްވީ ބެލެވޭ ގޮތުގައި ރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމު ކޯޓުން އިއްވި ހުކުމަށެވެ. އަދި އެމަނިކުފާނު މިނިވަންވެވަޑައިގެންނެވީ ސުޕްރީމު ކޯޓުން ސިޔާސީ އޮއިވަރެއްގައި ޖެހިވަޑައިގެން އިއްވި ގޯސް ހުކުމަކުން ކަމަށް ދޭހަވާފަދަ މޭރުމަކުން ނާޒިމް އެވަނީ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފައެވެ.

ދައުލަތުގެ މަގާމެއްގައި ހުރި ބޭފުޅަކަށް ވިޔަސް އަދި އަމިއްލަ ފަރުދަކު ނަމަވެސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި އޮތްއިރު ނާޒިމް މިވަނީ ސުޕްރީމު ކޯޓުން ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ހުކުމް ކުރީ ސިޔާސީ ނުފޫޒުގައި ޖެހިގެން ކަމަށް ބުނެ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved