

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި ބިލަށް ވޯޓަށް އަހަމުން ގެންދެވިއިރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންފައެެވެ.
މީގެ އިތުރުން ކޮމިޓީ މަރުހަލާގައި އެ ބިލަށް، ޖުޑީޝިއަރީ ކޮމިޓީގައި ވޯޓަށް އެހުމުން ވަކިކޮޅަކަށް ވޯޓު ދެއްވަން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް ދެކޮޅު ހެއްދެވި ނަމަވެސް، ތަޅުމުގައި ވޯޓު ދެއްވީ ބިލު ފާސްކުރާށެވެ.
ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.