

ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ފަލަސްތީނުގެ ބިންތަކުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭގެ އިޝްތިރާޖީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ބައިވެރިވެ ލިޔުމުން އެ ކޯޓަށް ބަޔާނެއް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ އދ. އާއި އެހެނިހެން ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކާއި އެހެން ގައުމުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ސަހްޔޫނީން ހުރަސް އަޅާތީ ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅީ އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން މިދިޔަ 19 ޑިސެންބަރުގައި ފާސްކުރުމުންނެވެ.
އެގޮތުން ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ ޒިންމާތައް އެ ބަޔާނުގައިވަނީ ފާހަގަ ކުރައްވާފައެވެ.
އެއާއިއެކު ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވެއެވެ. އަދި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް އަންރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން އޮތް ޒިންމާ ތަފްސީލުކޮށް އެ ޖަމްއިއްޔާގެ މަސައްކަތްތައް ހުއްޓުވާލައި ސަހްޔޫނީން އެ ޖަމްއިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވއެވެ
ފަލަސްތީނުގެ ބިންތަކުގައި ސަހްޔޫނީން ހިންގަމުންދާ އަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކާއި އަސާސީ ހައްގުތަކުން މަހުރޫމްވެފައިވުމުގެ އިތުރަށް، ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި ސަރަހައްދީ ހަމަޖެހުމަށް ހުރަސްތަކެއް އެޅެމުންދާތީ ސަހްޔޫނީންގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި އެކި ތަންތަނުގައި ވަކާލާތު ކުރަމުންނެވެ.
އެ ކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް ރާއްޖެއިން އަޅައިފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދޮގު ހަދައި އެކަން ނުކޮށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ލަސް ކުރާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ.
އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.