

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުދިނުމަށް ނިންމުމާ ގުޅިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރަކާތްތަކުން އެކަހެރި ކޮށްފައިވާ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވަކިކޮށްފި އެވެ.
އަޒާން މަޖްލިސްގެ އެންމެ މުހިއްމު ދެ ކޮމެޓީން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު އަޒާން ދެކޮޅު ހެދުމާއި ގުޅިގެން ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕުން ބޭރުކޮށްފައި ވަނިކޮށެވެ.
އެ ދެ ކޮމިޓީން އަޒާން ވަކި ކުރުމަށްފަހު ޕީއެންސީގެ ފަރާތުން އަޒާން ހަމަޖައްސާފައި ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށައި ޕެޓިޝަން ކޮމިޓީއަށެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ.
ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހި އޭނާގެ ގޮނޑި ގެއްލުވާލުމުގެ މަސައްކަތް ވެސް ސަރުކާރުގެތެރެއިން ރާވަމުން އަންނަ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.
ބާރުގަދަ ދެ ކޮމިޓީން އަޒާން ވަކިކުރަން މަޖިލީހަށް ލަފާ ދެއްވީ ސީދާ ރައީސް ޑރ. މުއިއްޒު ކަމަށް ޕީއެންސީގެ އެތެރޭގެ މަސްދަރުތަކުން "ޗެނަލް ތޭރަ" އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.