އެހީގެ ގާފިލާތައް ޣައްޒާއަށް ވަނަ ނުދީ އިސްރާއީލުން ހިފަހައްޓަމުން ދާއިރު، އެކަހެރިވެފައިވާ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ބައެއް މީހުން ޖަނަވާރުންނަށް ކާންދޭ ކާނާ މުގުރައިގެން ފުށަށް ހަދައިގެން ބޭނުން ކުރަމުންދާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފިއެވެ.
އެ ސަރަހައްދުގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުން އިންތިހާއަށް ދަތިވެފައިވާއިރު ކުޑަކުދިންވެސް ގިނަ ދުވަސްތަކެއް ވަންދެން ކާއެއްޗެއް ނުކައި ތިބޭ ކަމަށް އެމީހުން ބުނެފައި ވެއެވެ. އަދި ޖަނަވާރުންގެ ކާނާ މުގުރައިގެން ބޭނުން ކުރަމުންދާ އިރު، އެވެސް މިހާރު ހުސްވަމުންދާ ކަމަށްވެސް އެމީހުން ބުނެއެވެ.
އޭގެ އިތުރުން ބުއިމަށާއި ތާހިރު ވުމަށް ފެން ހޯދުމަށް، ފެން ހޮޅިތައް އަތުޖެހޭތޯ ބިންގަނޑު ކޮންނަމުންދާ ކަމަށްވެސް އެމީހުން ބުނެފައި ވެއެވެ.
އދ އިން ބުނެފައިވާ ގޮތުގައި އުތުރުގައި ކުޑަކުދިން ދަނީ ބާރު މިނެއްގައި އަނަރޫފަ ވަމުންނެވެ.
އދ ގެ އިންސާނީ އެހީ ކޯޑިނޭޓް ކުރާ އެޖެންސީ، އޮކާ އިން ބުނެފައިވަނީ މިދިޔަ މަހު ޣައްޒާގެ އުތުރަށް ދިޔަ އެހީގެ ދެބައިކުޅަ އެއްބައި އެ ސަރަހައްދަށް ވަނަ ނުދީ ހިފަހައްޓާފައިވާ ކަމަށާއި، އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާއި ތަންތަނާއި މެދު އިސްރާއީލު ސިފައިން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނެފަައިވަނީ އުތުރުގައި ދިރިއުޅޭ ތިން ލައްކައެއްހާ މީހުންނަށް ވަނީ އެހީ ލިބުމަށް ހުރަސް އެޅިފައި ކަމަށާއި އެމީހުން ތިބީ ބަނޑުހައިހޫނުކަމުގައި ކަމަށެވެ.
ޣައްޒާއަށް އެހީ ވެއްދުން ކޯޑިނޭޓް ކުރަން ހަވާލުވެފައިވާ އިސްރާއީލުގެ އަސްކަރީ އެޖެންސީގެ ތަރުޖަމާނަކު މިދިޔަ މަހު ބުނެފައިވަނީ “ޣައްޒާގައި ބަނޑުހައި ހޫނުކަމެއް ނެތް” ކަމަށެވެ. އަދި ޣައްޒާއަށް ފޮނުވާ އެހީއަށް އިސްރާއީލުން ހުރަސް ނާޅާ ކަމަށްވެސް އެ އެޖެންސީން ވަނީ ތަކުރާރު ކޮށް ބުނެފައެވެ.
ބެއިތް ލާހިއާގެ ސިއްހީ އެހީތެރިޔެއް ކަމަށްވާ މަހުމޫދު ޝަލަބީ ބުނެފައި ވަނީ މިހާރު ޖަނަވާރު ކާނާ ވެސް ހުސްވަމުންދާ ކަމަށެވެ. އަދި ދަޅުގައި ބަންދު ކުރި ކާނާވެސް މިހާރު ނުލިބޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް އިން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެންމެ ފަހުން އެ ޖަމިއްޔާއިން ޣައްޒާގެ އުތުރަށް ފޮނުވި އެހީގެ ފަސް ގާފިލާގެ ތެރެއިން ހަތަރު ގާފިލާ އިސްރާއީލު ސިފައިން ހުއްޓުވާފައިވާ ކަމަށެވެ.