

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރެއްވި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި އެ މައްސަލައިގައި ޖިންސީ ފުރައްސާރަ ލިބުނު އަންހެން މުވައްޒަފާއި ކޮމިޝަންގެ އިތުރު މުވައްޒަފުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން އަންހެން މުވައްޒަފު ކޮމިޓީއަށް ހާޒިރުކުރުމުން، އޭނާގެ ގައިގައި ނުރުހުމުގައި އަތްލާފައިވާ ކަމަށާއި އަދި ބޭއަދަބީ ބަހުރުވައިން ފަޒީން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ. އަދި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކާ ވެސް ބޭއަދަބީ ބަހުރުވައިން ފަޒީން ވާހަކަދައްކާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ.
އެ މައްސަލަ ކޮމިޝަންގެ ޖިންސީ ފުރައްސާރައާއި ބެހޭ ކޮމިޓީއަށް ހުށަހެޅި ކަމަށް ހާޒިރުވި މުވައްޒަފުން ވަނީ ބުނެފަ އެވެ.
އެ މުވައްޒަފުންގެ މައުލޫމާތަށް ރިއާޔަތްކޮށް ކޮމިޓީން ނިންމާފައި ވަނީ ފަޒީން، ރަސްމީ މަސައްކަތުގެ ބޭރުން މުވައްޒަފަށް ގުޅައި ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާކަން ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.
އެ މައްސަލާގައި މީގެ ކުރިން، ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ވެސް ބޭއްވީ ބަލަމުންދަނީ ކާކުގެ ކޮން މައްސަލައެއް ކަން ހާމަނުކޮށް، ސިއްރު ކޮށްގެންނެވެ. ކޮމިޓީން ބުނި ގޮތުގައި މައްސަލަ ސިއްރުން ކުރިއަށް ގެންދަނީ ދެ މީހެއްގެ ޒާތީ މަސްލަހަތު އެކުލެވޭ މައްސަލައަކަށް ވާތީ އެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފަައި ވާއިރު މާދަމާގެ ޖަލްސާގައި ފުރަތަމަ އޮންނާނީ މައްސަލަ ތަޅުމަށް އިއްވުމެވެ. އަދި އެ މައްސަލަ ބަލަައިގަނެ ކުރިއަށްދާން ފާސްކޮށްފިނަަ އެ މައްސަލައާ ގުޅޭ ދާއިމީ ކޮމެޓީއަށް ގެންދާނެ އެވެ.
ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 7 މާޗު 2021ގަ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 19 ޖެނުއަރީ 2023ގަ އެވެ.