ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލުން / ސޯޝަލް މީޑިއާ
ހަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މާރިޗު 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު އިއުލާންކޮށްފި އެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ވަނީ ބުދަ ދުވަހުގެ 11:00 ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނެ އެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަންޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ސުއޫދު އިސްތިއުފާ ދެއްވީ ޖޭއެސްސީ އިން ސުއޫދު ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވެސް މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގަ އެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ އާއި އަލީ މަހާޒުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved