

ޖުޑިޝަރީއަށް އަތްބާނާ ސަރުކާރުން ހަދަމުންދާ ގޯސްތަކުގެ ވާހަކަފުޅު ދައްކަވަނީ ވަކި ފަނޑިޔާރެއްގެ ދިފާއުގައި ނޫން ކަމަށާ އެމަނިކުފާނު އެ ވާހަކަފުޅު ދައްކަވަނީ ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ދިފާއުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މި ދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ޖޭއެސްސީގެ ތެރެއަށް ސަރުކާރުން އަތްބާނާ ޝަރީއަތްތަކާ ކުޅެ ފަނޑިޔާރުންނާ ބެހި ހެދި ކަމަށް ދައުވާ ކުރި މީހުން މިހާރު ތިބީ ވެރިކަމުގެ އިސް ފަޑީގައި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިއަދު، ކުރިން އެ ބޭފުޅުންނަށް ކަމު ނުގޮސްގެން އުޅުނު ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކޮށް އިސްލާހު ކުރަން މަސައްކަތެއް ކޮށްލަން ވެސް ނުކެރިގެން އުޅޭ ކަމާ އަދި އޭގެ ސަބަބާ މެދު ސުވާލު އުފައްދާވައިފައެވެ. އެގޮތުން ފަނޑިޔާރުންގެ ފަރާތުން ނޭދޭވެ ކަންކަން ފެނުމުން ވަގުތުން މައްސަލަތައް ބަލަން ޖެހޭނެ ކަމަށާ ނަމަވެސް އެ މައްސަލަތައް ފޮރުވާފައި ބަހައްޓާ އެންމެ ފަހު ވަގުތު ނަގަނީ ސަރުކާރުތަކުގެ ދިފާއުގައި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވަކި ފަނޑިޔާރެއްގެ ދިފާއުގައި ތެދުވަނީ ނޫން ކަމަށާ ނަމަވެސް ހުސްނުއްސުއޫދުގެ މައްސަލައެއް އޮވެ އެ މައްސަލަ ބަލަން 15 މަސް ދުވަސް ސަރުކާރަށް ލިބިގެން ދިޔައިރުވެސް އެކަންކަން ނުބަލާ ބޭއްވުމަށްފަހު ސުޕްރީމު ކޯޓުގައި ރައްޔިތުންނާ ގުޅުން ހުރި ބޮޑު ދުސްތޫރީ މައްސަލައެއް އޮއްވާ ކުއްލިއަކަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ފެންމަތިކުރުން ގޯސްކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިހާރުވެސް ޖުޑިޝަރީ ބޭނުން ކުރަމުން ދަނީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ.