

މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް އެއްބަސްވެ، އެކަން ކުރާނީ ނިމިދިޔަ ސަރުކާރުހާ ޒިންމާދާރުކޮށް ނޫން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވުމުން، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ އެމްއެމްއޭ އަކީ އޭގެ ޒާތުގައި ބޭންކެއް ކަމަށާއި އެބޭފުޅުންނަށް ނަފާވާނެ ގޮތަކަށް ބިން ގަތުމާއި އެސެޓު ގަތުން ދޫކޮށްލަން ޖެހޭނީ އެ އިދާރާއަށް ކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ ސަރުކާރުގައި 8 ބިލިއަން ރުފިޔާއަށް ވާ ފައިސާ ޗާޕުކުރި ނަމަވެސް މި ސަރުކާރުން އެ ގޮތަށް ކަންނުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ މި ވާހަަކަތަކަށް އަލީ ރައްދު ދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަލީ ވިދާޅުވީ، ކިތަންމެ ޒިންމާދާރުކޮށް ކަމަށް ބުނެ ފައިސާ ޗާޕުކޮށް އިގުތިސޯދުގެ ތެރެއަށް ނެރުނު ނަމަވެސް ފައިސާއަކީ އޭގެ އަމިއްލަ ތަބީއަތެއް އޮންނަ އަދި ބަދަލުނުކުރެވޭނެ އަސަރުތަކެއް އިގުތިސޯދަށް ފޯރުވާނެ އެއްޗެއް ކަމަށެވެ. އެހެންކަމުން ސަރުކާރު ދިފާއުކޮށް ކަމުގެ މަތިއޮމާން ކުރަން ނަމަވެސް ނާޒިމް ދައްކަވަނީ ފެން ނުހިފޭ ޒާތުގެ ވާހަކަ ކަމަށް ވިދާޅުވެ އަލީ ވަނީ މަޖާޒީ ގޮތަކަށް ނާޒިމްގެ ވާހަކތަކުގެ ޒިންމާދާރުކަން ކުޑަކަން ފާހަގަކުރައްވާފައެވެ.
ކިތަންމެ ޒިންމާދާރުކޮށް ކަމަށްބުނެ ފައިސާ ޗާޕުކޮށް އިގުތިސޯދުގެ ތެރެއަށް ނެރުނަސް ފައިސާއަކީ އޭގެ އަމިއްލަ ތަބީއަތެއް އޮންނަ އަދި ބަދަލުނުކުރެވޭނެ އަސަރުތަކެއް އިގުތިސޯދަށް ފޯރުވާނެ އެއްޗެއް. މަތިއޮމާން ކުރަން ނަމަވެސް ތިޔަ ދައްކަވަނީ ފެންނުހިފޭ ޒާތުގެ ވާހަކަ. https://t.co/Aky7s5nqoe
— Ali Hussain (@AleeVoice) March 12, 2025
ނިިމިދިޔަ ސަރުކާރު ހާ ޒިންމާދާރުކަން ކުޑަކޮށް މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމަށް ނާޒިމް ވިދާޅުވިއިރު، ނިމިދިޔަ ސަރުކާރުގައި 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު މި ސަރުކާރުން ޗާޕުކުރަނީ 14 ބިލިއަނަށް ވާ ދިވެހި ރުފިޔާގެ ފައިސާ ކަމަށް އަޑު ގަދަވެފައިވެއެވެ. އެއީ ރާއްޖޭގެ ތާރީޚަށް ބަލާއިރު ރެކޯޑް މިންވަރެކެވެ.