

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެ ކޯޓުގެ ކޮންޓްރޯލް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަމުގެ މައުލޫމާތު ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން ދުނިޔޭގެ މާލީ އިދާރާތަކާ ވެސް ހިއްސާކޮށްފިއެވެ.
ކޮމަންވެލްތާއި މާލީ އިދާރާތަކާ އެ މައުލޫމާތު ހިއްސާ ކުރީ ސުޕްރީމް ކޯޓުގެ ބެންޗުން ސަސްޕެންޑްކުރުމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
މައްސަލައިގައި ބުނެފައި ވަނީ އޭނާއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުުރުން އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުންދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ނުފޫޒު ފޯރުވި ކަމަށް ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އިސްތިއުފާ ދެއްވި ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި އެ ކޯޓުގެ ކޮންޓްރޯލް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.