ޝަމްއާން ރައީސް މުއިއްޒު އަށް ސަލާމް ކުރައްވަނީ / ރައީސް އޮފިސް
ހަބަރު
ޝަމްއާންގެ ވަކީލުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 މާރިޗު 2025
މާލެ ސިޓީ

އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކުރި މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި މުއްދަތު ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ޝަމްއާން ބަންދުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކުރީ އިއްޔެ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އެ މައްސަލަ އިއްޔެ އެ ކޯޓުން ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.

ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ ހޮނިހިރު ދުވަހެވެ.

އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައި މިލިއަނެއް ހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވެފައިވަނިކޮށެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved