ހުޅުމާލޭގައި މަރާމާތު ކުރަން އޮތް ޕިކަޕެއްގެ ދަށުވެ، ދިވެހި ފިރިހެނަކު އިއްޔެ ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ ދަށުގައި އޮވެގެން އެ މީހާ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ޕިކަޕް އެ މީހާގެ ގައިމައްޗަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 11:05 ހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.