
މާލޭގެ މަގުތަކުގެ ތަރުތީބު ގެއްލި، އާންމުންނަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ފެށުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ހުރިހާ އުޅަނދެއް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ފަށާނެ ކަމަށެވެ. މި މަސައްކަތް ފެށުމުގެ ކުރިން، އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެ ތަކެތި ނެގުމަށް ފުލުހުން ވަނީ ވަކި މުހުލަތެއް ދީފައެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 11:30 ގެ ކުރިން، ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ދީފައިވާ މުހުލަތުގައި ނުނަގާ ހުންނަ އުޅަނދުތައް ހޯމަ ދުވަހުން ފެށިގެން ޓޯކޮށްގެން ފުލުހުން ކަނޑައަޅާ ވަކި ސަރަހައްދަކަށް ގެންދާނެއެވެ. އަދި މިގޮތަށް އުޅަނދުތައް އުފުލުމުގެ ތެރޭގައި ނުވަތަ ގެންދިއުމަށްފަހު އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކުގެ ސަބަބުން މަގުތަކުގެ ބޮޑު ޖާގައެއް ގެއްލި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް، ރަޖިސްޓަރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ސަތަރި އަޅާފައި ބަހައްޓާފައި ހުންނަ އުޅަނދުތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާކަން ފާހަގަކުރެވެއެވެ.
މާލޭގެ ޕާކިންގް މައްސަލައަކީ އަބަދުވެސް ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، މި ސަރުކާރުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ބޮޑެތި ޖަލްސާތައް ބާއްވައި، ތަފާތު މަޝްރޫއުތަކުގައި ސޮއިކުރަމުންދެއެވެ. ނަމަވެސް، މިހާތަނަށް އައިއިރުވެސް މަގުމަތީގެ ތޮއްޖެހުމަށާއި ޕާކިންގް މައްސަލައަށް އެދެވޭ ދާއިމީ ހައްލެއް ލިބިފައި ނުވާތީ އާންމުންގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.
ފުލުހުންގެ މި ފިޔަވަޅަކީ މަގުތަކުގެ އަމާންކަން ގާއިމުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.










