February 19, 2026
Advertisement
ސީޕީ ނަވީން
ސީޕީ ނަވީން / ނިއު ސައުތު ވޭލްސް ޕޮލިސް

32 އަހަރުގެ ޚިދުމަތަށްފަހު ސީޕީ ނަވީން ރިޓަޔާ ކުރައްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 19, 2026, 03:09 AM
މާލެ ސިޓީ

ދިވެހި ފުލުހުންގެ ޚިދުމަތުގައި 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

Advertisement

ނަވީން މި މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ޝުޖާއު މަގާމުން ވަކިވެވަޑައިގަތީ މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ޚިދުމަތުން ވަކިވެވަޑައިގަތުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަވީން ވިދާޅުވީ، މިއަދަކީ އޭނާގެ ރިޓަޔަރމަންޓްގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި 7 ޖުލައި 1994 ގައި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތް ގޮތަށް، ޚިދުމަތުން މިއަދު ވަކިވެވަޑައިގަންނަވަނީ ފުލުހުންގެ ބެޖަށް އޮތް އިހްތިރާމާއި، މުއައްސަސާއަށް އޮތް އިތުބާރާއި، ގައުމަށް އޮތް ލޯތްބާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ނަވީން ރިޓަޔާ ކުރެއްވިިއިރު، ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ ހިމެނޭހެން ފުލުހުންގެ އިސް 7 އޮފިސަރަކު ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދާދި ފަހުން ނިންމާފައެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުން އެކަމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ފުލުހުންގެ މުއައްސަސާގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ނަވީންއަކީ އެ މުއައްސަސާގެ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved