

1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ގެންގޮސް އޮޕަރޭޝަން ފެށިތާ ދެ ދުވަސް ފަހުން އަނެއްކާވެސް އައްޑޫން ކަރަންޓު ކެނޑެން ފަށައިފިކަމަށް ރިޕޯޓު ކުރަން ފަށައިފިއެވެ.
އެގޮތުން ކަރަންޓު ކެނޑެނީ ހިތަދޫ، ނޭޗާ ޕާކު ސަރަޙައްދުންނާއި، މަރަދޫ ފޭދޫންނެވެ.
އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ. މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ. ދޮޅު އަހަރުވީ އިރު ވެސް މައްސަލައަށް ދާއިމީ ހައްލެއް ނުހޯދެއެވެ.
އެގޮތުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ރޯދަ މަސް ފެށުމުގެ ކުރިން ގެނެސްދިނުމަކީ ރައީށް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރެއް ވައުދެއް ނަމަވެސް ރޯދަ މަސް އައްޑޫ ރައްޔިތުން ނިންމާލީ ކަނު އަނދިރީގައެވެ.
އެކަމާ ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކޮށް އީދަށްވެސް އައްޑޫ ދިއްލައިގެން ނުވާނެ ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް އަޑު އުފުލިއެވެ.
ރައްޔިތުންގެ ރުޅިގަނޑު ކޮންޓްރޯލުކުރުމަށާ އެކަން އޮއްބާލަން ސަރުކާރުން ވަނީ ދާދި ފަހުން ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވާފައެވެ. 7.8 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ފަހު ފެނަކައިން މި ޖަނަރޭޓަރު ގަތީ މީގެ ކުރިން ފެނަކައިިން ބްލެކް ލިސްޓުވެސް ކޮށްފައިވާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖާމިނަލް ޓެކްނޮލޮޖީންކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެއާއިއެކުވެސް ދާއިމީ ހައްލެއް ނުލިބޭކަން މިހާރުވަނީ ހާމަވެފައެވެ.
އެގޮތުން ކަރަންޓުގެ މައްސަލަ ފެނަކައަށް ހައްލު ނުކުރެވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށްލެވެއެވެ.