

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.8 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފިއެވެ.
ސަރުކާރުގެ މާލިއްޔަތާއި ދައުލަތުގެ ރިޒާވަށް ބުރަބޮޑުވެފައިއޮތް މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ އަންނަ މޭ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 995 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ ޖުލައި 14 ގެ ނިޔަލަށް އަނބުރާ ދައްކާ 150 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
މީގެ އިތުރުން އޮކްޓޫބަރު 6 ގެ ނިޔަލަށް އަނބުރާ ދައްކާ 360 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 1.3 ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.5 އިންސައްތަ އާއި 4.6 އިންސައްތައާ ދެމެދުގަ އެވެ.
ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.