March 25, 2026
Advertisement
މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދު
މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދު / ސޯޝަލް މީޑިއާ

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިއްޖެ

Hussain Nawaf
ހުސައިން ނަވާފް
Apr 9, 2025, 09:09 PM

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން މިއަދު ހާމަވެއްޖެއެވެ.

Advertisement

މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

އެއީ މޯލްޑިވް ގޭހުން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް އެލްޕީޖީ ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާ ކަމާއި ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ނާޒިމް ހާމައެއް ނުކުރައްވައެވެ.

އެ ފައިސާ ގެއްލުނު އިރު އެ ގޭސް އޯޑަރު ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް ކުރެއްވި މަސައްކަތުގެ ތަފްސީލެއްވެސް ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް އަދި ކާމިޔާބުވެފައެއް ނުވެއެވެ.

ވާނުވާ ނޭނގި ފައިސާތަކެއް ގެއްލިގެން އުޅޭކަން ހާމަވި އިރު ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ އެ މައްސަލަ އަންނަނީ މިހާރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ތަހުގީގު ކުރަމުންނެވެ.

އެގޮތުން އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށް އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އޭނާ އާއި ދެކޮޅަށް އުފުލައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved