March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާގެ އިންޒާރެއް - ނިއުކްލިއަރ ހަތިޔާރެއް ބޭނުންކުރަން ވިސްނިއަސް އިޒްރޭލް ދުނިޔެއިން ފޮހެލާނަން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 19, 2026, 11:43 AM
މާލެ ސިޓީ

ޗައިނާއިން އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ޗައިނާގެ ސަރުކާރުގެ ސްޕޯކްސްޕާސަން އަދި ސެންޓަރ ފޯ ޗައިނާ އެންޑް ގްލޯބަލައިޒޭޝަންގެ ވައިސް ޕްރެޒިޑެންޓް ވިކްޓަރ ގާއޯ ވިދާޅުވީ، އިޒްރޭލުން ނިއުކްލިއަރ ހަތިޔާރެއް ބޭނުންކުރުމަށް އެންމެ ހިނދުކޮޅަކަށް ވިސްނާލި ކަމުގައިވިޔަސް، އިޒްރޭލު މި ދުނިޔޭގެ ޗާޓުން ފޮހެލާނެ ކަމަށެވެ.

Advertisement

މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން މަސްރަހު ގޯސްވަމުންދާއިރު، ޗައިނާއިން މިހާރު ދަނީ އީރާނަށް އަސްކަރީ ގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. މި އެހީތެރިކަމާއެކު އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާއިރު، މިއީ އެ ސަރަހައްދުގައި އިޒްރޭލާއި އެމެރިކާގެ ނުފޫޒު ކުޑަކުރުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މީގެ އިތުރުން، ދުނިޔޭގެ އިގްތިސާދަށް ބޮޑު ނުފޫޒެއް ފޯރުވާ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ބެހޭގޮތުން އީރާނުން ވަނީ ހަރުކަށި ޝަރުތުތަކެއް ކުރިމަތިލާފައެވެ. އީރާނުން ބުނެފައިވަނީ އެ ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލާނީ ތެޔޮ ގަންނަން ބޭނުންކުރާ ފައިސާ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމަށްވާ "ޔުއާން" އަށް ބަދަލުކުރުމުން ކަމަށެވެ.

ވިކްޓަރ ގާއޯގެ މި ވާހަކަތަކަކީ ބައިނަލްއަގުވާމީ މައިދާނުގައި ޗައިނާއިން ގެންގުޅޭ ސިޔާސަތު ހަރުކަށިވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ. ހާއްސަކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާ ގުޅިގެން، ޗައިނާއިން ދަނީ ފާޅުގައި އިޒްރޭލަށް ފާޑުކިޔައި، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރަމުންނެވެ.

މި ކުރިމަތިލުންތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved