"ޣައްޒާ އާއި އެކުގައި" ނަމުގައި ރެލީއެއް މާދަމާ ބާއްވަނީ / އަވަސް
ހަބަރު
"ޣައްޒާ އާއި އެކުގައި" ނަމުގައި ރެލީއެއް މާދަމާ ބާއްވަނީ
Hussain Nawaf
ހުސައިން ނަވާފް
10 އޭޕްރީލު 2025

ރާއްޖޭގެ ގިނަ އިލްމުވެރިންނާއި ޖަމްއިއްޔާ ޖަމާއަތްތައް ގުޅިގެން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް ރެލީއެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ އިލްމުވެރިން އިސްނަގައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

"ޣައްޒާ އާއި އެކުގައި" ނަމުގައި ފަށާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު ރަސްފަންނު ސަރަހައްދުން 4:15 ގައިކަމަށް މި ބައްދަލުވުމުގެ ތެރެއިންވަނީ ހާމަކޮށްފައެވެ.

ޣައްޒާވަނީ މުގައްދަސް ބިމެއްގައިކަން ފާހަގަ ކުރައްވާ މުޅި ފަލަސްތީން ވަނީ ހިސޯރު ކުރުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރި ހާލަތެއްގައި ކަމަށް އިލްމުވެރިންގެ ޕްރެސްގައިވަނީ ފާހަަގަ ކުރައްވާފައެވެ.

އެގޮތުން މިއަދު ސަހްޔޫނީން ހިންގާ ގަތުލުއާންމާ ދެކޮޅަށް ދިވެހިންނަށް ފަރުދީ ގޮތުންނާއި ދައުލަތަށް ވެސް ކުރެވިދާނެ ކިތަންމެ ކަމެއް އޮތްކަމާއި ސަހްޔޫނީންނަށް ވާގިދޭ ވިޔަފާރިތަކަށް ހުރަސް އެޅުމަކީ މި ހާލަތުގައި ދީނީ އަދި ފަރުދީ ވާޖިބެއް ކަމާއި އެފަދަ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމްވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ފައިސާއާއި ޒަރޫރީ ތަކެތީގެ އެހީގެ އިތުރަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ޝެއިޚް ނިޝާން ވިދާޅުވި އެވެ. ރާއްޖެ ހިމެނޭހެން މުސްލިމު ދައުލަތްތަކުން ފަލަސްތީނަށް ހަތިޔާރާއި ވަސީލަތްތައް ދިނުމަށް ގޮވާލެއްވިއެވެ.

އޭގެ އިތުރުން ދެން ގޮވާލެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ފަލަސްތީނަށް ވަމުންދާ ގޮތް ދަރިންނަށް އުނގައިނައިދީ ހޭލުންތެރި ޖީލެއް ބިނާކުރުމަށާއި ނަމާދުތަކުގައި ފަލަސްތީނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާތައް އިތުރުކުރުމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު 50،669 އަށް ވުރެ އިތުރުވެ 115،225 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved