ޑރ ޝަހީމް ހިއްސާ ކުރެއްވި ޕޯސްޓުގައި އެޓެޗްކުރައްވާފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ޣައްޒާގެ އާއިލާތަކަށް ރާއްޖެއިން ފަސްލައްކަ ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފި
Hussain Nawaf
ހުސައިން ނަވާފް
10 އޭޕްރީލު 2025

ޣައްޒާގެ އާއިލާތަކަށް ފިތުރު ޒަކާތުން ރާއްޖެއިން ފަސްލައްކަ ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފިއެވެ.

މިކަން ހާމަވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެކަން އިއުލާން ކުރައްވާ ކުރެއްވި އެކްސް ޕޯސްޓަކާއި ގުޅިގެންނެވެ.

ޒަކާތުގެ ގޮތުގައި ދިވެހިން ވަނީ މި ރޯދަ މަހު ރެކޯޑު އަދަދެއް ޖަމާކޮށްފައެވެ. އެގޮތުން ބައި މިލިޔަން ރުފިޔާގެ ތަކެތި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ބައެއް މީހުންނަށް ހަދިޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީންވަނީ ނިންމާފައެވެ.

ފިތުރު ޒަކާތަށް ލިބުނު ފައިސާއިން ބައި މިލިއަން ރުފިޔާ ފަލަސްތީނަށް ކާބޯތަކެތި ހަދިޔާކުރަން ހަވާލު ކުރީ އިސްރާ އެސޯސިއޭޝަނާއެވެ.

މި މަސައްކަތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާސިލުވެފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ.

ޝަހީމް ވިދާޅުވީ ޒަކާތް ބަލައިގަތުމުގެ ވަގުތު ހަމަވިިއިރު މުޅި ރާއްޖެއިން 13،264،819ރ. ލިބިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއްކަމަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް 4،500ރ. ބަހާފައެވެ. ފަގީރުންގެ ދަފްތަރުގައި މި އަހަރު ރަޖިސްޓްރީވެފައިތިބީ 2،765 މީހުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved