
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް އައިސްގެން އެނބުރި ރާއްޖެ ނާދެވި ތިބި އުމްރާވެރިން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް އިސްލާމިކު މިނިސްޓަރު ހާމަކުރެއްވިއިރު އެ އުމްރާވެރިންގެ ތެރެއިން ބައެއް އުމްރާވެރިންނަށް އާދެވެނީ އިންޑިއާގެ ޗެންނާއީ ހަމައަށް ކަމަށާ އޭގެ ފަހުން ރާއްޖެ އަންނަން ޖެހެނީ އަމިއްލަ ޚަރަދުގައި ޓިކެޓު ނަގައިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ނުފުރިފައި ތިބި ގާތްގަނޑަކަށް 50 އުމްރާވެރިން އަންނަން ދަތިވެފައި ތިބުމުން އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި ކަމަށް ވަޒީރު ޝަހީމު ހާމަކުރެއްވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މާރޗު މަހުގެ 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އޭގެ ފަހުން 8 ދުވަސް ފާއިތުވެފައިވާއިރު، އޭގެ ތެރެއިން ބައެއް އުމްރާވެރިން ވަނީ ޗެނަލް13އާ ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އުމްރާއަށް ގޮސްހުރި އުމްރާވެރިއަކު ނަން ހާމަނުކުރުމަށް އެދި ބުނެފައިވަނީ އޭނާއަކީ މުޅި ރޯދަ މަސް އެއްކޮށް އުމްރާއަށް ދިޔަ މީހެއް ކަމަށާ އޭނާއާ އެކު އިތުރު 47 މީހުން އެބަތިބި ކަމަށެވެ.
މަދީނާގެ ދައްމާމު އެއާޕޯޓަށް 10 ގަޑިއިރުގެ ދިގު ދަތުރެއް ބަހުގައި ކުރުމަށް ފަހު އެ އެެއާޕޯޓުން އެ އުމްރާވެެރިން ގަލްފު އެއާލައިންއިން ގެންގޮސްދެނީ ޗެންނާއީ އެއާޕޯޓަށް ކަމަށާ އެއަށް ފަހު ދެން ޗެންނާއީއިން އެ އުމްރާވެރިން ރާއްޖެ އަންނަން ޖެހެނީ 300އަށް ވުރެވެސް ގިނަ ޑޮލަރު ހޭދަކޮށްގެން އަމިއްލައަށް ޓިކެޓު ނަގައިގެން ކަމަށް އެ އުމްރާވެރިޔާ މައުލޫމާތު ދީފައިވެއެވެ. އެގޮތުން ޗެންނާއިން ކޮޗިނަށް ކޮޗިންއިން މާލެއަށް އެމީހުން ދަތުރުކުރަން ޖެހެނީ އަމިއްލަ ޚަރަދުގައެވެ. އެއީ މިހާރުގެ ރޭޓަށް ބަލާއިރު 390 ޑޮލަރެވެ.
މީގެ އިތުރުން ކުރިން އެއިން ކޮންމެ މީހަކަށް 23 ކިލޯގެ ދެ ލަގެޖު ދީފައިވީ ނަމަވެސް މިހާރު އެމީހުންނަށް ކޮންމެ މީހަކަށް ގެނެވެނީ 15 ކިލޯގެ އެންމެ ލަގެޖެއް ކަމަށްވެސް ވެއެވެ. އަދި މިއީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހާ ހާމަކޮށްފައިވެއެވެ.
މިނިސްޓަރު ދެއްކެވި ވާހަކަ އުމްރާވެރިޔާއާ ހިއްސާކުރުމުން އެމީހާ ބުނެފައިވަނީ އެމީހުންނަށް ފޯރުކޮށްދިން މައުލޫމާތުގައިވާ ގޮތުން އެއީ ހުރިހާ މުއައްސަސާއަކާ މަޝްވަރާކޮށް ނިންމި އެންމެ ފަހުގެ ނިންމުން ކަމަށާ އިތުރަށް މަޝްވަރާތަކެއްކޮށް ކަންކަން އިތުރަށް ބަދަލުކުރަން ވަގުތު ނެތްކަމަށެވެ.
އެގޮތުން 23 ވަނަ ދުވަހު މޯލްޑިވިއަނުން 25 ޖާގަ ލިބޭ ކަމަށް އަންގާފައިވާ ކަމަށާ 48 މީހުންގެ ތެރެއިން 25 މީހުންނަށް ޖާގަލިބުނު ނަމަވެސް ބާކީ ތިބި 23 މީހުން ދަތުރުކުރަން ޖެހެނީ ގަލްފު އެއާއިން ބަހްރެއިން މަގުން ޗެންނާއީއަށެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ޚަބަރު ޝާއިއުކުރުމާ ހަމައަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.










