މާލޭގައި ބޭއްވި ޣައްޒާ އާއި އެކު އުޅަނދު ބުރުގެ ތެރެއިން. / ތޭރަ އޮންލައިން
ހަބަރު
"މުޅި ލާމު ޣައްޒާއާ އެކު"ގެ ނަމުގައި އުޅަނދު ބުރެއް ހުކުރު ދުވަހު ލާމު ލިންކްރޯޑުގައި
Hussain Nawaf
ހުސައިން ނަވާފް
14 އޭޕްރީލު 2025

"މުޅި ލާމު ޣައްޒާއާ އެކު"ގެ ނަމުގައި އުޅަނދު ބުރެއް ބާއްވަން ނިންމައިފިއެވެ.

މިކަން ހާމަވެފައިވަނީ ފޭސްބުކްގައި ދައުރުވަމުންދާ ޕޯސްޓަރަކާއި ގުޅިގެންނެވެ. އެގޮތުން އެ ޕޯސްޓަރުގައި މި އުޅަނދުބުރު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ލާމު ލިންކް ރޯޑުގައިކަން ހާމަކޮށްފައިވެއެވެ.

މި ހަރަކާތް އިންތިޒާމް ކުރީ ލ.ގަމާއި ލ.ފޮނަދޫ ކައުންސިލްގެ އިތުރުން އެ ދެ ރަށުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުންކަން ފާހަގަކޮށްލެވެއެވެ. އަދި އެ ހަރަކާތަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އެ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ޣައްޒާ އާއި އެކު އުޅަނދު ބުރުގެ ޕޯސްޓަރު

ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ގެދޮރުން ބޭރުކުރަމުން ސަހްޔޫނީން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، ދިވެހި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ބަހަނާ ދައްކަމުން 316 ދުވަސް ވަނީ ފާއިތުކޮށްފައެވެ.

އަދި ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން ސަހްޔޫނީ ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީން މިއަދު ނިންމިކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް ސަހްޔޫނީންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ނުކުރަން އިމިގްރޭޝަނުން މަޖިލީހުގައި އެދުނުކަން ފާހަގަކޮށްލެވެއެވެ.

ސަހްޔޫނީންގެ ތެރެއިން ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނެވެ. އެގޮތުން މި އިސްލާހު އިމިގްރޭޝަނުން އެދިފައިވާ ގޮތަށް ފާސްކޮށްފި ނަމަ، އިޒްރޭލުގެ ގިނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުރަހެއް ނޯންނާނެއެވެ.

ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒަށް، ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން ގުޅާ އެކަމަށް ޝުކުރު އަދާކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އަދި އޭގެ ބަދަލުގައި ނަތަންޔާހޫ ވަނީ އޭނާގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް އެހީ ދޭން އެއްބަސްވެފައިކަމަށް ވެސް އަޑުގަދަވެފައިވެއެވެ. މިކަން ދިވެހި ސަރުކާރުން ދޮގުކޮށްފައިވެސް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved