

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އދ.އަށް ހުށަހެޅި މައްސަލައިގައި ދިވެހި ސަރުކާރުން ޖަވާބުދާރީވާން އަންގައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑުކުރުމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އޭނާ ސަސްޕެންޑު ކުރި މައްސަލައިގައި ހުރި ކަންބޮޑުވުންތައް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށްވަނީ ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން އދ އިން ވަނީ ޖޫން 2 ވަނަ ދުވަހުގެ ކުރީން ޖަވާބުދާރީވާން އެންގިކަން ސުއޫދުވަނީ އަދަދު ނޫހާއި ވާހަކަ ދައްކަވަމުން ކަށަވަރުކޮށްދީފައެވެ.
ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ސަސްޕެންޑުކުރި އެވެ. އޭގެ ތެރެއިން އަޒްމިރާލްދާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށް މައްސަލަ ހުށަހަޅުއްވާފަ އެވެ.
ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެ ކޯޓު ދުސްތޫރީ މައްސަލައެއް ނުބެލޭނެހެން ޕެރަލައިޒްކޮށްލާފައި އޮންނަތާ ދޮޅު މަހެއްހާ ދުވަސްވެއްޖެއެވެ.