އެމްޑީޕީ ސަރުކާރުގައި ފަނޑިޔާރުގެތަކުން ހާމަކަން ބޮޑުކޮށް އަމަލުކުރި ހަޑިމުޑުދާރު ގޮތާ އަދި ސިޔާސީ ކުރި މިންވަރަށް ދުވަހަކުވެސް ތާރީޚުގައި އެކަން ކޮށްފައިނުވާ ކަމަށް ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ފަނޑިޔާރުންގެ މައްސަލަ ބަލަނީ ސިޔާސީކަމަށާ އެއީ މިނވަން ފަނޑިޔާރުންގެ އަޑު ކަނޑުވާލަން ކުރާކމެއްކަމަށް ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްއަލް ސުއޫދު ވިދާޅުވެފައިވާތީ އެކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ ޖަމީލު ވަނީ ރައްދު ދެއްވާފައެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވީ، ސުއޫދު ދެއްކެވި އެ ވާހަކަ ދެކޮޅަށްވެސް ކިރިދާނެ ކަމަށެވެ. އެގޮތުން ހައިކޯޓުގައި ރައީސް އަބްދުﷲ ޔާމީނުގެ ވ. އާރަށުގެ އިސްތިއުނާފު ގޮސް އެމްޑިޕީ ސަރުކާރުގައި ސްޓަކުވެ ތަޅުލެވި، އެންމެފަހުން ގޮސް އެމައްޗަށް ބިނާކޮށް ފަނޑިޔާރު ހުސްނުއްސުޢޫދުގެ ބެންޗުން ކެންޑިޑޭސީ ބާތިލްކުރީ ކަމަށެވެ.
ތިޔަ ވާހަކަ ދެކޮޅަށްވެސް ކިރިދާނެ. ތިޔަ ހައިކޯޓުގައި ރ. ޔާމީނުގެ ވ. އާރަށުގެ އިސްތިއުނާފު ގޮސް ސްޓަކުވެ ތަޅުލެވި، އެންމެފަހުން ގޮސް އެމައްޗަށް ބިނާކޮށް ފަނޑިޔާރު ސުޢޫދުގެ ބެންޗުން ކެންޑިޑޭސީ ބާތިލްކުރީ. ފަހުން ހައިކޯޓުގައި އޮތް މައްސަލަ ބާތިލްވީ. އެހެންވީމަ ސިޔާސީ ގޮތަށް… https://t.co/9CdZULGK2G
— Mohamed Jameel Ahmed (@MJameelAhmed) November 20, 2025
އޭގެ ފަހުން ހައިކޯޓުގައި އޮތް މައްސަލަ ބާތިލްވީވީކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ އެހެންކަމުން ސިޔާސީ ގޮތަށް މަސައްކަތްކުރީ ސީދާ ހައިކޯޓު ނޫންތޯ އައްސަވާފައެވެ. ދިވެހިރާއްޖޭގެ ޖުޑިޝަލް ހިސްޓްރީގައި ރައީސް ޔާމީނުގެ މައްސަލައިގައި ހައިކޯޓުން ޢަމަލު ކުރި މުޑުދާރު ގޮތަށް އަދި ފަނޑިޔާރުގެއަކުން މިހާތަނަށް އަމަލު ނުކުރާ ކަމަށާ އެވަރަށް ސިޔާސީ ހަތިޔާރަކަށް ފަނޑިޔާރުގެ ދުވަހަކުވެސް ވިޔަ ނުދޭކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއީ ހާމަކަން ބޮޑުކޮށް ފެންނަން އޮތް ބޮޑު ޙަގީގަތެއް ކަމަށާ މިއަދު ރާއްޖޭގައި އޮތީ ސިޔާސީ ފަނޑިޔާރު ގެއެއް ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ ވޯޓުން ފަނޑިޔާރުން އިންތިޚާބުވުން ވެސް މިއަށްވުރެ ރަނގަޅުވާނެ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީނަށް ކުރީ ސަރުކާރުން ކުރީ ސިޔާސީ ހުކުމްތަކެއް ކަމަށާ ފަނޑިޔާރުގެތައް ސިޠާސީ ކަސްތޮޅުން މި ސަރުކާރުގައި މިނިވަންވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ސަރުކާރުން އިންތިހާއަށް ޖުޑިޝިއަރީއަށް ނުފޫޒު ފޯރުވާ ފަނޑިޔާރުގެތަކުން ސަރުކާރުން ނުރުހޭ ގޮތަކަށް މައްސަލަ ބަލާނަމަ ބެންޗު ބަދަލުކުރާ މަންޒަރު ފެނިގެން ގޮސްފައިވެއެވެ.