ރާއްޖޭގެ ރިސޯޓެއް / ސޯޝަލް މީޑިއާ
ހަބަރު
ލީސް އެކުއިޒިޝަން ކޮސްޓު ހާމަ ކުރަން އައިކޮމްއިން އެންގުމުން ވެސް މިނިސްޓްރީން ނުދިން
Hussain Nawaf
ހުސައިން ނަވާފް
19 އޭޕްރީލު 2025

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޭން ނެގި ލީސް އެކުއިޒިޝަން ކޮސްޓު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އޮފީސް އައިކޮމްއިން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ޓޫރިޒަމް މިނިސްޓްރީން އަގުތައް ހިއްސާނުކުރާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އަދަދު ނޫހުން އެކަން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.

އެގޮތުން ލީސް އެކުއިޒިޝަން ކޮސްޓު ހާމަކުރަން އައިކޮމްއިން އެންގީ، ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަނުގެ ލީސް އެކުއިޒިޝަން ކޮސްޓު ހޯދުމަށް އަދަދު ނޫހުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި އާރުޓީއައިއަކާ ގުޅިގެން، ބޭއްވުނު އަޑުއެހުންތަކަށް ފަހުގައެވެ.

އާރުޓީއައިއަށް ފުރަތަމަ ދިން ޖަވާބުގައި ޓޫރިޒަމުން ބުނީ އެ މައުލޫމާތަކީ އެއްބަސްވުމުގައި ހިމެނޭ "ނަން ޑިސްކްލޯޝާ އެންޑް ސާކަމްވެންޝަން" މާއްދާގެ ދަށުން ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.

އެގޮތުން މި މައްސަލަ އައިކޮމަށް ހުށަހެޅުމުން އެ އޮފީހުން އެގްރީމަންޓުތައް ބަލައި، އެއްބަސްވުމުގައި އޮތް އެ މާއްދާއަކީ ލީސް އެކުއިޒިޝަން ކޮސްޓު ސިއްކުރެވޭނެ މާއްދާއެއް ނޫން ކަން ވަނީ ބުނެފައެވެ.

ތަންތަނުގެ އެކުއިޒިޝަން ކޮސްޓު އަދަދު ނޫހާއި ހިއްސާކުރަން ޓޫރިޒަމް މިނިސްޓްރީއަށް ދިނީ ރަސްމީ ހަތް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މައްދަތު ފާއިތުވެގެން ދިޔައިރުވެސް އެ މައުލޫމާތު ހާމަ ނުކުރާކަމަށްވަނީ ރިޕޯޓު ކޮށްފައެވެ.

ދައުލަތުން އެކި އެކި މައުލޫމާތު ހާމަ ކުރަން ދެކޮޅު ހަދަމުން ދާ އިރު މިއީ މީޑިއާތަކާއި ވަރަށް ބީރަށްޓެހި ސަރުކާރެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެކި ގޮތްގޮތަށް މީޑިއާތަކަށް ބިރު ދައްކަމުންދާ އިރު ރައީސް ޑރ މުހައްމަދު މުއިއްޒުވެސް މީޑިއާ އާއި ބައްދަލު ނުކުރައްވާތާ 515 ދުވަސްވިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved