theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާލީ ވުޒާރާގެ ވަޒީރު، މޫސާ ޒަމީރު / ރައީސް އޮފިސް
ހަބަރު
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފިނޭންސްގައި ނެތް ކަމަށް ބުނެފި
Mariyam Isaadha
މަރިޔަމް އިސާދާ
22 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ސަރުކާރުތަކުން އައްޔަންކުރާ މުވައްޒަފުންގެ މައުލޫމާތަކީ މިނިސްޓްރީ އޮފް ފިނޭންސްގައި ރައްކާކޮށް ރެކޯޑުކުރެވިފައި ހުންނަ އެއްޗެއް ނޫން ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިފަދައިން ބުނެފައިވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުންގެ ލިޔެކިޔުން ވަކިން ބަލަހައްޓަމުން ނުދާތީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ބުނެފައިވާތީ އެ މައުލޫމާތު ހޯދުމަށް އިންފޯމޭޝަން ކޮމިޝަންއަށް އަހުމަދު އައިކު ހުށަހެޅި މައްސަލައިގައި އަޑުއެހުމުގައެވެ.

އައިކު ފިނޭންސްގައި އެދުނީ މާޗު 13، 2025 އާ ހަމައަށް ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ހޯދުމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދާއި މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ހޯދުމަށް އައިކު އެދިފައިވެއެވެ.

ނަމަވެސް މި މައުލޫމާތު ފިނޭންސުން ނުދިނުމުން ބޭއްވި އައިކޮމުުގެ އަޑު އެހުމުގައި އިންފޯމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވިދާޅުވި ގޮތުގައި އެ މައުލޫމާތަކީ ދައުލަތުގެ ކޮންމެވެސް އިދާރާއެއްގައި ހުންނަން ޖެހޭ މައުލޫމާތެކެވެ. ދައުލަތުގެ ހުރިހާ މާލިއްޔަތުގެ ކަންކަމެއް ބަލަހައްޓަނީ ފިނޭންސުން ކަމަށްވެފައި އެ މައުލޫމާތު ހުރި އިދާރާއެއް އެ މިނިސްޓްރީއަށް އެނގެން ވާނެ ކަމަށް އާހިދު ވިދާޅުވިއެވެ.

އައިކޮމްއިން ބެލި މައްސަލައިގެ އަޑުއެހުމުގައި ފިނޭންސްގެ ފަރާތުން ބައިވެރިވީ އެ މިނިސްޓްރީގެ ލީގަލް އޮފިސަރެވެ. އޭނާ އެ އަޑުއެހުމުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ފިނޭންސުން އަދިވެސް އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާކަން އެނގިގެން ގޮސްފައިވެއެވެ.

ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް މުސާރަ ޝީޓު ތައްޔާރު ކުރުމަށް ފަހު ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ ކަމަށް ފިނޭންސްގެ ފަރާތުން ބައިވެރިވި ލީގަލް އޮފިސަރު ވެސް އެއްބަސްވިނަމަވެސް އޭނާ ހާމަކޮށްފައިވާ ގޮތުގައި މުސާރަ ޝީޓުގައި ސިޔާސީ މުވައްޒަފުންނާ ސިވިލް ސާވިސް މުވައްޒަފުންނާ ވަކިކުރެވޭ ގޮތަށް ނުހުންނަ ކަމަށާ ކޮންމެ މިނިސްޓްރީއެއްގެ ވެސް ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ބަލަހައްޓަނީ އެ މިނިސްޓްރީއަކުން ކަމަށެވެ.

ފިނޭންސްގެ ލީގަލް އޮފިސަރ މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމާއި، މުސާރަ އާއި، އިނާޔަތްތަކާއި، އައްޔަންކުރި ތާރީހު އެ މިނިސްޓްރީއަށް އެނގޭނެއެވެ. ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން އައްޔަންކުރާ މުވައްޒަފުންނަކީ ކޮންމެ ފަސް އަހަރަކުންހެން ބަދަލުވާ ބަޔަކަށްވުމާއެކު އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީގައި ހުންނާނެއެވެ.

އެހެންކަމުން މިފަދަ މުހިއްމު މައުލޫމާތެއް ފިނޭންސްގައި ނެތް ކަމަށް ބުނެ ފިނޭންސްގެ ލީގަލް އޮފިސަރ ދޮގު ހަދާ އޮޅުވާލާފައިވަނީ ކޮން ފަދަ މަޖްބޫރެއް މެދުވެިގެންކަމާ މެދު ސުވާލު އުފެދެއެވެ. އަދި އެ ބުނާ މައުލޫމާތު މިނިސްޓްރީގައި ނެތް ނަމަ އެ މިނިސްޓްރީއަށް މާލިއްޔަތު ގާނޫނާއި ގަވާއިދުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވޭ ކަމުގެ ހެއްކަކަށް ފުދެއެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް މަތިނުކުރާނެ ކަމަށް ބުނެ އައި ސަރުކާރުން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު މި ސަރުކާރުގައި 922 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved