ސިޔާމް އަތުން މުއިއްޒު ނެގި ފައިސާ ނުލިބިގެން ކޯޓަށް! / ސަން އޮންލައިން
ހަބަރު
ހުސްގޮނޑި ދައްކައިގެން 2023ގައި ކުރި ރިޔާސީ ކެމްޕެއިންގައި ޑރ މުއިއްޒު ސަން ސިޔާމް އަތުން ފަހުން ދައްކާ ގޮތަށް ނެގި 8 މިލިއަން ނުލިބިގެން ކޯޓަށްދާ ކަމުގެ އަޑުތަކެއް!
20 އޭޕްރީލު 2025
މާލެ ސިޓީ

އަނބުރާ ދައްކާގޮތަށް، ރިޔާސީ ކެމްޕޭނަށް މ. ދިމްޔާތު ޑރ މުުހައްމަދު މުއިއްޒު ސަން ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު އަތުން ނެގި 8 މިލިއަން ޑޮލަރު ނުލިބިގެން މުއިއްޒުއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ރާއްޖޭގެ ބައެއް މީީޑިޔާތަކުގައި މިކަމާ ގުޅިގެން ރިޕޯޓުކޮށްފައިވާއިރު އެ ޚަބަރުތަކުގައި ސިޔާމްގެ އަރިސް ބޭފުޅަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މުއިއްޒު ވިދާޅުވެގެން ސަން ސިޔާމް 8 މިލިއަން ޑޮލަރު ދީފައިވާ ކަމުގައެވެ. އެހެންނަމަވެސް އެއީ އެ ފައިސާއަކީ މުއިއްޒުއަށް ސިޔާމް އަނބުރާ ދައްކާގޮތަށް ދިން ފައިސާކަމަށްވެސް ވެއެވެ.

ނަމަވެސް އިންތިޚާބުވުމަށް ފަހު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވެގެން ދާއިރު ސިޔާމް މުއިއްޒުއާ ބައްދަލުކުރަން މަސައްކަތްކުރަމުންދާތާ 8 މަސް ދުވަސް ވެއްޖެ ކަމަށާ ނަމަވެސް މުއިއްޒުއާ ބައްދަލުނުވާ ކަމަށާ ސިޔާމްގެ ފަރާތުން މުއިއްޒަށް ފޯނުން ގުޅަން ވެސް ކުރި މަސައްކަތް، މުއިއްޒު ފޯނު ނުނަގާތީ ކާމިޔާބު ވެފައިނުވާ ކަމަށްވެސް ވެއެވެ. އަދި މުއިއްޒުގެ އަރިސް ފަރާތްތައް މެދުވެރިކޮށްވެސް މުއިއްޒު އާއި ވާހަކަ ދެއްކުމަށް ސިޔާމް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވެސް ނާކާމިޔާބު ވަފައިވާކަމަށްވެސްވެއެވެ.

އެހެންކަމުން މުއިއްޒުއާ ބައްދަލުކުރެވޭނެ އަދި ވާހަކަ ދެއްކޭނެ އިތުރު މަގެއް ނެތުމުން ސިޔާމްގެ ފަރާތުން ވަނީ އެ ފައިސާ އަނބުރާ ހޯދަން ކޯޓަށް ދާން ނިންމާފައި ކަމަށް ވެސް ވެއެވެ. އެގޮތުން އަނބުރާ ދައްކާގޮތަށް މުއިއްޒުއާއި ފައިސާ ހަވާލުކުރިކަމަށް ހެކިދޭނެ ފާރާތްތައް ތިބިކަމަށާ އެހެންކަމުން ކޯޓުން އެ މައްސަލަ ކާމިޔާބުވާނެ ކަމަށް ސިޔާމްގެ ފަރާތުން ދެކޭކަމަށް ވެއެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސިޔާމް ތާއީދު ކުރައްވާފައިވަނީ އޭރުގެ ރައީސް އިބްރާހިމު މުހައްމަދު ސާލިހުއަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ސިޔާމް މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭންވެސް ކޮށްދީފައިވެއެވެ. އެ ކެމްޕޭންގައި ސިޔާމްގެ ޕާޓީއަށް ދޭން ވައުދުވި ސިޔާސީ މަގާމްތައްވެސް މުއިއްޒު ހަމަޖައްސަވާ ދެއްވާފައެއް ނުވާކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved