ރައީސް މުއިއްޒު / ރައީސް އޮފިސް
ހަބަރު
ސަރުކާރު އޮރިޔާން ވާ ކޮންމެ ފަހަރަކު ރައްޔިތުން އޮރިޔާން ކުރާތީ އާންމުންގެ ނުރުހުން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 އޭޕްރީލު 2025
މާލެ ސިޓީ

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުމުން އެކަމާއި ނުރުހުން އާންމުން ފާޅުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިފަދަ އަމުރެއް ނެރެފައި ވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. މިފަދަ އަމުރެއް ނެރުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ކަރާމާތަށް އަރައިގަތް ކަމަށް ބުނެ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެންނެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސްގެ ދަރިކަލުންނާ ގުޅުވައި އެ ޕާޓިގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)އާއި މާޒް ސަލީމް ދެއްކި ވާހަކައަކާ ގުޅިގެން ފުލުހުން ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގުގެ ބޭނުމަށްޓަކައި އެ ދެމީހުންގެ ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވާތީ އެ އަމުރާ ގުޅިގެން ވަކި ކަންތައްތަކެއް ސާފުކޮށް ދިނުމަށް ފުލުހުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

މި ބަޔަނުގައި ވަނީ، ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންކަމަށެވެ. އެކަމަށް ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ފޮޓޯ އާއި އަޑުގެ ސާމްޕަލްގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްއެއް ކަމަށެވެ

މިކަމާއި ގުޅިގެން ގިނަ އާންމުން އަންނަނީ ސަރުކާރުގެ ވެރިންގެ އާއިލާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ރައްޔިތުން އޮރިޔާން ނުކުރުމަށް އެދިފަ އެވެ. އަދި ސަރުކާރު ސިޔާސީ ގޮތުން އޮރިޔާން ވުމަކީ އެކަމުގެ ރުޅި ރައްޔިތުންނަށް ބާލާ ދިވެހި ރައްޔިތުން އޮރިޔާންކޮށް އެތެރެއާއި ބޭރުން ހަށިގަނޑުގެ ފޮޓޯ ނަގަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނަމުން ނެވެ.

މިކަމާ ނުރުހުން ފާޅުކުރި މީހަކު ބުނީ ރައްޔިތުން އޮރިޔާން ކޮށް ބަލާ ފާސްކުރަން ޖެހޭ ހިސާބަށް ސަރުކާރުގެ ވިސްނުން ދިއުމަކީ ވަރަށް ގޯސް ހާލތެއް އުފަން ވުން ކަމަށާއި ރާއްޖޭގެ މިހާރުގެ ހާލަތުން އިންސާނީ ކަރާމާތައް ސަރުކާރުން އަރައިގަތް ކަމުގެ އިހްސާސް ކުރެވެން ފަށައިފި ކަމަށެވެ.

ގާނޫނު އަސާސީ އިސްލާހުކުރި މަޖިލީހުގެ މެމްބަރު އިބްރާހިމް އިސްމާއިލް(އިބްރާ) މިކަމާއި ގުޅިގެން އޭނާގެ އެފްބީއަށް ދޫކޮށްލި މެސެޖެއްގައި ވިދާޅުވީ ތަޙްޤީޤެއް ހިންގަން އެއްވެސް މީހެއްގެ އޮރިޔާން ފޮޓޯއެއް ނަގައިގެން ބަލަންޖެހޭނީ ކޮންކަމެއްކަމެއް ނުވިސްނުނު ކަމަށާއި ފުލުހުން އެފަދަ އަމުރަކަށް އެދުނީ ކޮން ޤާނޫނެއްގެ ދަށުންކަމާ، ކޯޓުން އެފަދަ އަމުރެއްނެރުނީ ކޮން ޤާނޫނަކުން ކޯޓަށްލިބޭ ބާރަކުންތޯ ބެލުމަކީ މިއަދު ރައްޔިތުންގެ މަޖިލިހާއި، އެން.އައި.ސީ އާއި ޖޭ.އެސް.ސީ އާއި އެޗް.އާރ.ސީ.އެމްގެ މައްޗަށް ޤާނޫނުއަސާސީ ލާޒިމްކުރާކަމެއް ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގާއިރު، ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވަނީ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ވެސް މި މައްސަލައިގައި މަދަނީ ދައުވާއެއް ހުށަހަޅާފަ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް މިހާރު ވަނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ. ސަރުކާރުން ނުރުހޭގޮތަކަށް ހުކުމް ކުރާ ފަނޑިޔާރުން ފްރޭމްކޮށް މައްސަލަ ބަލައި ފަނޑިޔާރުކަމުން ވަކިކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފުލުހުން އިތުރަށް ބުނީ ތަހުގީގެއްގެ ބޭނުމަށް އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބެލުމަށް ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑުކަން ދެނެގަތުމަށް ކަމަށެވެ.

ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލް ބޭނުންވާނަ އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންނެވެ. އެމީހަކު އެކަމަށް އިންކާރު ކުރާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެމްޑީޕީން ތުހުމަތުކުރި ގޮތުގައި އާއިލާ "ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން" އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ އުފުލަނީ ރައީސް މުއިއްޒުގެ ސިޔާސީ ބޭނުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved