ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން މަގުމައްޗަށް - / ސަން
ހަބަރު
ޒުވާނުން މަގުތަކަށް ނިކުމެ މުއިއްޒު ސަރުކާރަށް ގޮވާލީ "ފިނޑިނުވެ" ޖަވާބު ދިނުމަށް!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 އޭޕްރީލު 2025
މާލެ ސިޓީ

ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ނުރުހުންވެ، އިންސާފު ހޯދުމަށް ޒުވާނުން މަގުމައްޗަށް ނިކުމެއްޖެއެވެ.

މި މައްސަލައިގައި ގިނަ ޒުވާނުން ނިކުމު އިހުތިޖާޖު ކުރާ ހިސާބަށް ދިޔައީ، ޔުމްނު ވެއްޓުނު ކަމަށް ބުނާ ހާދިސާގައި ޝާމިލުވާ މީހުން ހިމާޔަތްކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި އެއްވުން ކުރިއަށް ދަނީ ފުލުހުންގެ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމަތީގަ އެވެ.

ރޭގެ އެއްވުމުގައި ޒުވާނުން އެކިއެކި ޝުއޫރުތައް ވަނީ ފާޅުކޮށްފަ އެވެ. އަދި ފުލުހުންނަށް މި މައްސަލައިގައި އަމަލުކުރާ ގޮތުން ވަރަށް ބޮޑަށް ފާޑު ވެސް އަންނަނީ ކިޔަމުންނެވެ.

އެގޮތުން ފުލުހުން ތިބީ ފައިސާއަށް ވިކިފައިކަމަށާއި، މި މައްސަލައިގައި ވަރަށް ބޮޑަށް ކަންކަން ސިއްރުކުރަން އުޅޭކަމަށް ޒުވާނުން އަަންނަނީ ބުނަމުންނެވެ.

އެއާއެކު ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތާމެދު އުފެދޭ އެންމެހާ ސުވާލުތަކަށް މިހާރުން މިހާރަށް ޖަވާބު ދިނުމަށް ވެސް އަންނަނީ ގޮވައިލަމުންނެވެ.

މީގެ އިތުރުން އެ އިމާރާތްމަތިން ފުލުހުން ބަލައިލާއިރަށް، 'ފެންލައިޓުން ވެއްޓިދާނެ' ކަމަަށް ބުނެ މަލާމާތުގެ ރާގަށް ވެސް ގޮވައި ހެދިއެވެ.

އެއްވެ ތިބި މީހުންގެ ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި މަޑުން ނުތިބޭނެ ކަމަށާއި ޔުމްނުއަށް އިންސާފު ހޯދައިދޭން ބުނެ ޝުއޫރުތައް ލިޔެފައިވެ އެވެ. އަދި މި މައްސަލައިގައި ހައްޔަރުނުކޮށް ދޫކޮށްލި ޒުވާނާ ހައްޔަރުކުރާށާއި މި ކަމުގައި ބައިވެރިވާ ކަމަށް އަޑު އަރާފައިވާ އެހެން މީހުން ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ވެސް ބައެއް މީހުން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައިވެ އެވެ.

އަހަރުމެންގެ އަޑު ނީވެންޏާ އަހަރުމެންނަކަށްވެސް އަޑެއް ނީވޭނޭ، ޖަވާބުދީ، ފިނޑިނުވޭ

- އެއްވުމުގައި ބައިވެރިވި ޒުވާނަކު މެގަފޯނުން ރޭ ގޮވާ އަޑު އިވުނެވެ.

އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް މީސް މީޑިޔާގައި މިހާރު ދަނީ އަމާޒުވަމުންނެވެ. އެގޮތުން އެއީ ހައި ޕްރޮފައިލްޑް ސިޔާސީ މީހަކާ ގުޅުން އޮތް ކަމެއް ކަމަށާ އެ ހާދިސާ ހިނގާފައިވަނީ ސިޔާސީ މީހެއްގެ ގޭތެރެއިން އައި ކަމެއްގެ ތެރެއިން ކަމަށް ބުނެ މީސް މީޑީޔާގައި އެކި ކަހަލަ ތުހުމަތުތައް އަމާޒުކޮށް އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ފޮޓޯއާ ޒާތީ މައުލޫމާތުވެސް އާންމުކޮށް ފުލުހުން އެކަން އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

މީގެ އިތުރުން، އަންހެން މީހާ ވެއްޓުނީ ނޫން ކަމަށާއި އެ މީހާ ރޭޕުކޮށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ތުހުމަތުތައް އަމާޒުކޮށްފައިވެ އެވެ.

އެ ކަމާ ގުޅިގެން ފުލުހުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށް، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އެގޮތުން އެ ހާދިސާ ހިނގި ގެއާއި އެ އަންހެން މީހާ ވެއްޓޭ ވަގުތުގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުން ވަނީ ނޫސްވެރިންނަށް ދައްކައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާވެފައިވުމުގެ ސަބަބުން އަންހެން ކުއްޖާއަކީ ކާކުކަން ވެސް ދެނެގަނެފައިވަނީ ފޭސް ރިކޮގްނިޝަން ޓެސްޓް ހަދައިގެންނެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ވެސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ.

މިހާރު އެކަމަކު ޔުމްނާ ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ.

"ފުލުހުންގެ ޕްރެސް ސްޓޭޓްމަންޓުގައި އިންސާނުންގެ ބުއްދިން ވިސްނާ ނަމަ ވެސް ގަބޫލުކުރެވޭ ވާހަކައެއް ނެތް. ފިޒިކްސް ޑިނައިކޮށްފައި ތި ވާހަކަ ދައްކަނީ. ކިހިނެއްތޯ ފެން ލައިޓަކުން އެ ކުއްޖާ ވެއްޓޭނީ؟ ގަބޫލެއް ނުކުރެވޭ،"

- މުޒާހަރާއިގައި ބައިވެރިވި އެކަކު ބުންޏެވެ.

އެއްވުމުގައި ބައިވެރިން ވަނީ މީހަކު ވެއްޓުމުން އެހީތެރިކަން ނުދީ އަދި ފުލުހުންނަށް ރިޕޯޓު ނުކޮށް އަޅާނުލާ ދިއުމަކީ މީހަކު މަރުވާން ދޫކޮށްލުން ފަދަ ކަމެއް ކަމަށެވެ. އެއީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލަ ބެލުމަށް ވެސް ގޮވާލައިފަ އެވެ.

އެ މީހުން ބުނާ ގޮތުގައި، "އާންމު ހާލަތެއްގައި" ވެސް އެފަދަ ކުޑަ ފެން ލައިޓަކުން އަންހެނަކު ވެއްޓުމަކީ ބުއްދި ގަބޫލު ނުކުރެވޭ ކަމެއް ކަމަށެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި، ވެއްޓުނު އަންހެން މީހާއަށް އިންސާފު ނުލިބެނީސް އެ މީހުން އިހުތިޖާޖު ކުރުން ނުހުއްޓާނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved