

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން އަންހެންކުއްޖަކު ވެއްޓިފައިވާ މައްސަލަ ހޫނުވެެެފައި ވަނިކޮށް، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީން ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސްގައި" މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގަ އެވެ. އެގޮތުން އެ ޕޯސްޓުގައި ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެެވެ.
ނަމަވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އިޒްދިޔާން މަގާމުން ވަކިކޮށްފައިވާއިރު، އޭނާގެ މައްޗަށް ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުގެ (18 އޭޕްރިލް) ހެނދުނު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެނަކު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ.
ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް ވެސް ވަނީ މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން މިއަދު ސަސްޕެންޑްކޮށް، ޔޫތު ކައުންސިލުން ވެސް ވަކިކޮށްފަ އެވެ. ދާއޫދު ވެސް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވެ އެވެ. އަދި އަންހެން މީހާ ވެއްޓުނު އިމާރާތަށް އެ މީހާއާ އެކު ވަންނަނީ ދާއޫދުގެ ކޮއްކޮ، ރައުދު އަހުމަދު ޒިލާލެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
ފުލުހުން ހާމަ ކުރި ގޮތުގައި ހާދިސާ ހިނގި ރޭ 12:30 އެހާކަންހާއިރު އަށް ޒުވާނުން ވަނީ ޕާޓީއަކަށް ގޮސްފައެވެ. އެއީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅުކަން ފަހުން ވަނީ އެނގިފައެވެ. އެކަމަކު، ގެކޮޅުގައި ކަމެއް ހިނގި ނަމަވެސް މައްސަލައަށް ނުފޫޒު ވެސް ނުފޯރުވާ ކަމަށާއި އެކަން ހިނގިކަން އެނގުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.