ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް / ރައީސް އޮފިސް
ހަބަރު
ޕާޓީ ކުރިކަމަށް ތުހުމަތުވާ ދާއޫދު މަގާމުން ވަކި ކުރުމުގެ ބަދަލުގައި ކުރީ ސަސްޕެންޑު!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 އޭޕްރީލު 2025
މާލެ ސިޓީ

ޕާޓީކުރިކަމަށް ތުހުމަތުވެ، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކުރި ނަމަވެސް ހަމަ އެ ތުހުމަތުވާ ދާއޫދު އަހުމަދު ސަސްޕެންޑްކުރަން ރައީސް އޮފީހުން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއޫދު މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑު ކުރައްވައިފި،

- ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ހީނާ ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރައީސްއަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުން ދާއޫދު ވަކި ވެސް ކޮށްފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު މާލޭގެ ގެއެއްގެ ފުރާޅު މަތީ ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާގެ މައްސަލަ ހޫނުވިއިރު، އެ ޒުވާނާއާ އެކީ އޭނާ ވެއްޓުނު އިމާރާތަށް ވަންނަނީ ދާއޫދުގެ ކޮއްކޮ، ރަައުދު އަހުމަދު ޒިލާލާ އެކުގަ އެވެ. ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ، ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.

ދާއޫދުއަށް ފިޔަވަޅު އަޅާފައި މިވަނީ އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭތާ ހަފުތާއެއް ވާން މަދު ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ. ދާއޫދުގެ އިތުރުން ވެސް އެކަމުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޒުވާނުންތަކެއް ރޭ ވަނީ މާލޭގައި ބޮޑު މުޒާހަރާއެއް ވެސް ކޮށްފަ އެވެ.

ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމާއި ރޭޕުގެ ތުހުމަތު ވެސް ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ. އެއީ، 21 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ.

އެ ކުއްޖާ ވެއްޓުނީ އެރޭ އޮތް "ޕާޓީއަކަށް" ފަހު ގެއެއްގެ ތެރެއަށް ވަދެ އުޅެނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ހާމަ ކުރި ގޮތުގައި ހާދިސާ ހިނގި ރޭ 12:30 އެހާކަންހާއިރު އަށް ޒުވާނުން ވަނީ ޕާޓީއަކަށް ގޮސްފައެވެ. އެއީ، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެކޮޅުކަން ފަހުން ވަނީ އެނގިފައެވެ. އެކަމަކު، ގެކޮޅުގައި ކަމެއް ހިނގި ނަމަވެސް މައްސަލައަށް ނުފޫޒު ވެސް ނުފޯރުވާ ކަމަށާއި އެކަން ހިނގިކަން އެނގުނީ ވެސް ހުކުރު ދުވަހު ހަވީރު ކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved