ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިގެން ނޫނީ ރައީސް ޔާމީން މިނިވަން ނުކުރެވޭނެ ކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން، ރައްޔިތުންނަށް ވިސްނައިދެއްވަމުން ގެންދަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލިސް އިންތިޚާބްގައި އެމަނިކުފާނުގެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށްޓަކައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކާއި ސުވާލު އަމާޒުކުރައްވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރެވެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ލިބި އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް ލިބިގެން ކަމަށް މި ސަރުކާރުގެ އެކިއެކި ފެންވަރުގެ ބޭފުޅުން ރަށްރަށުގައި ތިބި ޕީއެންއެފްގެ ފިކުރުގެ މީހުންނަށް ވިސްނައިދެމުން އަންނަ ކަމަށެވެ. އަދި އެކަން ސަބަބަކަށް ހަދައި މަޖިލިހުގެ ގޮނޑިތައް ހޯދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެންގެ ފިކުރުގެ މީހުންނަށް ވިސްނައިދެމުންދާ ކަމަށް މިވަނީ، ރައީސް ޔާމީން ކޯޓުގެ ތެރެއިން މިނިވަން ކުރެވެން މި އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ތިމަންނަމެންނަށް ލިބިގެން ޖޭއެސްސީ ތިމަންމެންނަށް ލިބިގެން، އެހާ ހިސާބުންނޭ ރައީސް ޔާމީން މިނިވަން ކުރެވެން މި އަންނަނީ
ރިޔާސީ އިންތިޚާބްގައި ކެމްޕެއިން ކުރައްވަމުން ވަނީ ރައީސް ޔާމީން މިނިވަންކޮށްދެއްވާނެ ކަމަށް އަދުގެ ރައީސް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލާފައެވެ.
އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ވެސް އެގެންދަވަނީ ހަމަ ރައީސް ޔާމީންގެ ނަންފުޅު ލައިގެން އެމަނިކުފާނު މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަމުންނެވެ.
ރައީސް ޔާމީން ވަނި ކެންޑިޑޭޓް މިކަމާ ދެކޭގޮތަކީ ކޮބައިތޯވެސް އައްސަވާފައެވެ. އެ ކެންޑިޑޭޓް ވެސް ވަނީ ޖަވާބްގައި ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތްކަަމަށް ވިދާޅުވެފައެވެ.