ހައްވާ ޔުމްނު ރަޝީދު ރާއްޖެއިން ބޭރަށް ގެންދަން ފްލައިޓްގައި --- / ސޯޝަލް މީޑިއާ
ހަބަރު
ޔުމްނު ވެއްޓުން: އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 އޭޕްރީލު 2025
މާލެ ސިޓީ

މި މަހުގެ 18 ވަނަ ދުވަހު، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ފުރުވާލައިފި އެވެ.

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރި އެވެ.

ޔުމްނުގެ ފަރުވާއަށް ބޭނުންވާ ފައިސާ ކުއްލި ގޮތަކަށް ހޯދަންޖެހުނީ، ފަރުވާގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނުމަށްފަހު، ފައިސާ ހަމަޖެހެން ނެތް ކަމަށް މިއަދު އެންގުމުންނެވެ.

މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުން ދީފައިވާ ލިޔުމުން އެނގޭ ގޮތުގައި ޔުމްނު ފުރަތަމަ ހަދަންޖެހޭ ސާޖަރީތަކަށް އެކަނި ވެސް 57،000 އަށް ވުރެ ގިނަ ޑޮލަރު އަރައެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 878،940ރ. އެވެ. ހޮސްޕިޓަލުން ބުނީ އެތަނުގައި ޔުމްނު އެޑްމިޓު ކުރެވޭނީ 45،724 ޑޮލަރު ދެއްކުމުން ކަމަށެވެ. އެއީ ބޭންކު ރޭޓުން ބަލާ ނަމަ 705،064ރ. އެވެ.

ނަމަވެސް ސަރުކާރުން ފައިސާ ޖަމާ ކުރިއިރު އާއިލާއަށް ލިބުނީ 385،500ރ. ކަން ފާހަގަ ކުރެވެ އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ވަނީ ޖަހާފަ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ، އާންމުން އަންނަނީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރަމުންނެވެ. އެގޮތުން ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ކުރާ ސިލްސިލާ މުޒާހަރާ މިރޭ ވެސް ކުރިއަށް އެބަދެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން މާލޭގައި ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާ މިރޭ ގައުމީ ސަލާމުން ފެށީ އިތުރު ފަރުވާއަށް ޔުމްނު ރާއްޖެއިން ބޭރަށް ގެންދިޔުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވައިލިތާ ކުޑަ ވަގުތުކޮޅެއްގެ ތެެރޭގައި ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައި ވާތީ ދިވެހިންގެ އެއްބައިވަންތަކަން ފާހަގަކޮށް ޝުކުރު އަދާ ކުރުމުގެ ގޮތުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved