

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ސުވާލު އުފެދިފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރަން ރައީސް މުހައްމަދު މުއިއްޒު ރޭ ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ ކޮމިޝަން އުފައްދަވައި، ރައީސް ގަރާރެއް ނެރުއްވީ ރޭ ދަންވަރު އެވެ. އެ ކޮމިޝަންގެ ނަމަކީ "2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިހްތިޔާރުގެ ތެރެއިން ނެރުއްވި ގަރާރުގެ ދަށުން އުފެއްދެވި ކޮމިޝަންގައި ތިއްބެވީ ތިން ބޭފުޅުންނެވެ.
ކޮމިޝަންގައި ހިމެނޭ ބޭފުޅުން
ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ވ. އަލްމާން
ޑރ. މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ
ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ ބަންޑާރަނައިބް ޑރ. މުނައްވަރު އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ރައީސް ޑރ. މުއިއްޒު އުފެއްދެވި ކޮމިޝަންގައި އަންހެން ބޭފުޅަކު ނެތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވީ މި ކޮމިޝަންގައި އަންހެނަކު ނެތި ޔުމްނުގެ މައްސަލަ ބަލަން އެންމެ ރަނގަޅު ކޮމިޝަން ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.
މީގެ އިތުރުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ ސުވާލު ވަނީ ކޮމިޝަނުގައި އަންހެނަކު ނެތުމުން ސުވާލު އުފައްދަވައިފަ އެވެ.
އަންހެނަކަށް އަނިޔާވެގެން ނުވަތަ އަނިޔާކޮށްގެން އުޅޭ މި ފަދަ މައްސަލައެއް ބަލަން އުފެއްދެވި ކޮމިޝަނެއްގައި އެއްވެސް އަންހެނަކު ނުހިމެނުއްވީ ކީއްވެބާ؟ ޒުވާނަކުވެސް ހިމަނުއްވާފައެއް ނެތް.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އެންމެ ބޮޑު އެއް ހުށަހެޅުމަކީ ޔުމްނު ވެއްޓުނު ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާއެއް ފަށައިފަ އެވެ.
އެ މީހުން ޑިމާންޑު ކުރަނީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީ އިންސާފު ގާއިމްކޮށްދިނުމާއި، އިހުމާލުވީ ކަމަށް ތުހުމަތުވާ ސަރުކާރުގެ ސިޔާސީ މީހުން މަގާމުން އިސްތިއުފާ ދިނުމަށެވެ.
އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ހިމެނެއެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފައެވެ.
ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ރޭ ވަނީ މޭލޭޝިއާއަށް ގެންގޮސްފަ އެވެ. އިމާރާތުގެ ކުޑަދޮރުން ޔުމްނު ވެއްޓުނު މައްސަލައިގައި، އޭނާއާ އެކު އެ ރޭ އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.