ސަހްޔޫނީން ޣާއްޒާއަށް ދިން ހަމަލާތަކުގައި ޣައްޒާގެ ސަރަހައްދެއް ސުންނާފަތިވެފައި -- / ގެޓީ އިމޭޖަސް
ދުނިޔެ
ސަހްޔޫނީން ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 27 މީހަކު ޝަހީދުވެއްޖެ
Hussain Nawaf
ހުސައިން ނަވާފް
28 އޭޕްރީލު 2025

ސަހްޔޫނީން ޣައްޒާގެ ސަރަހައްދުގައި ހޯމަ ދުވަހުގެ ނިޔަލަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 27 މީހަކު ޝަހީދުވެއްޖެއެވެ.

ސަހްޔޫނީން ވަނީ މިދިޔަ މަހު ހަމާސްއާ އެކު ކުރި ހަނގުރާމަ ހުއްޓާލުމަށް ފަހު ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް ހަމަލާދީފައެވެ. އެ ގައުމުން ވަނީ މާޗް މަހުގެ ކުރީކޮޅުއްސުރެ ކާބޯތަކެއްޗާއި ބޭސް ހިމެނޭ ގޮތަށް ހުރިހާ އިމްޕޯޓެއް އެ ސަރަހައްދުގެ 2 މިލިއަން ފަލަސްތީނުންނަށް ކަނޑާލާފައެވެ.

ކޮންމެ ދުވަހަކު ބޮމުގެ ހަމަލާތަކާއި ފުޅާދާއިރާއެއްގައި ބަނޑުހައިހޫނުކަން ފެތުރުމުގެ ސަބަބުން ޣައްޒާގެ އެންމެ ނާޒުކު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، އޭގެ ތެރޭގައި މާބަނޑު އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަސައްކަތްތެރިން ބުނާ ގޮތުގައި ސަޕްލައިތައް އިންތިހާއަށް ދަށްވެފައިވާއިރު، ގިނަ މީހުން ދުވާލަކު އެއް ކެއުން ނުވަތަ ކަނީ އެއަށްވުރެއް މަދުންނެވެ.

ބައިތު ލާހިޔާގެ ގެއަކަށް ވައިގެ ހަމަލާއެއްގައި 10 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ ތެރެއިން ދޫކޮށްލާފައިވާ ފަލަސްތީނުގެ ގައިދީއެއް ކަމަށްވާ އަބްދުލްފައްތާހު އަބޫ މަހާދީ ހިމެނެއެވެ. އޭނާގެ އަންހެނުންނާއި އެމީހުންގެ ދެ ދަރިންނާއި ކާފަދަރިއަކު ވެސް ޝަހީދުވިކަމަށް ހަށިގަނޑުތައް ލިބުނު އިންޑޮނޭޝިއާ ހޮސްޕިޓަލުން ބުނެއެވެ.

ޣައްޒާގެ ގެއަކަށް އިތުރު ހަމަލާއެއް ދީފައިވާއިރު، އޭގެ ތެރޭގައި ދެ އަންހެނުން ހިމެނޭ ގޮތަށް ހަތް މީހަކު ޝަހީދުވިކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ އިމަޖެންސީ ސާވިސްއިން ބުނެއެވެ. އަދި އިތުރު ދެމީހަކު ވަނީ ޒަޚަމްވެފައެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔޫނިސްގެ ގެއަކަށް ހަމަލާދީ 10 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި 4 އަހަރުގެ ފަސް އެއްބަނޑު އެއްބަފާ ކުދިން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ހާމަ ކުރެއެވެ.

ސަހްޔޫނީން ބުނާ ގޮތުގައި އާންމުންނަށް ގެއްލުން ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާ ކަމަށާއި އެމީހުންގެ މަރުގެ ޒިންމާ ހަމާސްގެ ބޮލުގައި އަޅުވަނީ ހަނގުރާމަވެރިން އާބާދީ ބޮޑު ސަރަހައްދުތަކުގައި ހަރަކާތްތެރިވާތީ ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުން ބުނަނީ ބަންދުކޮށްފައިވާ ޣައްޒާގެ އެއްވެސް ތަނެއް ސަލާމަތެއް ނެތް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved