

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާންގެ ބަންދުގެ އިސްތިއުނާފުގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފައިވާއިރު، މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތްކުރެއްވިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު އެނގޭ މީހަކު ނަން ހާމަނުކުރުމަށް އެދި ތޭރަ އޮންލައިނަށް ކިޔައިދީފައިވާ ގޮތުގައި އިހުސާން ފަނޑިޔާރުންނަށް ބިރު ދައްކާ މައްސަލައިގެ ހުކުމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވަނީ މެލޭޝިއާގައި ހުންނަވާ ފޯނުން އެ ފަނޑިޔާރުންނަށް ގުޅުއްވައިގެންނެވެ.
އެގޮތުން ޝަމްއާން ވާނުވާ ބަންދުން ފިލުވައިފި ނަމަ ފަނޑިޔާރުންނާ މެދު ސުލޫކީ މައްސަލަ ފެންމަތިކޮށް ފްރޭމުކުރާނެކަމުގެ އިންޒާރު ފަނޑިޔާރުންނަށް އިހުސާން ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅިގެން ފަނޑިޔާރުންގެ ބަހެއް ހޯދާލަން ކުރި މަސައްކަތް އެއްވެސް ފަނޑިޔާރަކަށް ނުގުޅުމުން ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރި ހުކުމް ޝަމްއާންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ވަނީ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ. ނަމަވެސް ޝަމްއާންގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުން މައްސަލަ ބަލައިގަތެވެ.
ޝަމްއާންގެ އިސްތިއުނާފް ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށްފަ އެވެ.
އެގޮތުން ޝަމްއާން ހައްޔަރު ކުރީ ކަނޑައެޅިގެން ހަގީގަތާ ޚިލާފުދޮގު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ސައްހަ ނޫން ހެކިތައް ވުޖޫދުކޮށްގެން ކަމާއި ޝަމްއާން ހައްޔަރުކޮށް، ވާނުވާ ޖަހާފައިވަނީ ސިޔާސީ އަދި ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުންކަމަށް އެ ބަޔާނުގައި އާއިލާއިން ތުހުމަތު ކުރެއެވެ.
މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް އޭނާގެ އާއިލާއިން އަންނަނީ ބުނަމުން ނެވެ.
ޝަމްއާގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގެ މައްސަލައިގައި އަޑު އެހުންތައް ނިމި މާދަމާ މެންދުރު ފަހު 1:00 ގައި ހުކުމް ކުރުން ވަނީ ހައިކޯޓުގައި ތާވަލްކޮށްފައެވެ.