May 28, 2026
Advertisement
ޝަހުޒާނަށް ބިރު ދެއްކި މައްސަލަ ވަޒީރު ދިފާއުކޮށްފި، ނަމަވެސް ލާއިންސާނީ އަމަލު ނުހިންގާ ކަމަށް ވިދާޅެއް ނުވޭ!
ޝަހުޒާނަށް ބިރު ދެއްކި މައްސަލަ ވަޒީރު ދިފާއުކޮށްފި، ނަމަވެސް ލާއިންސާނީ އަމަލު ނުހިންގާ ކަމަށް ވިދާޅެއް ނުވޭ! / ސޯޝަލް މީޑިއާ

ޝަހުޒާނަށް ބިރު ދެއްކި މައްސަލަ ވަޒީރު ދިފާއުކޮށްފި، ނަމަވެސް ލާއިންސާނީ އަމަލު ނުހިންގާ ކަމަށް ވިދާޅެއް ނުވޭ!

May 28, 2026, 01:01 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއްކޮށްގެން ޖަލަށްލި "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާނަށް ޖަލުގައި ބިރު ދެއްކި މައްސަލަ ދިފާއުކުރައްވާ، ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވައިފިއެވެ.

Advertisement

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، އީދު ދުވަހު ޖަލުން މިނިވަންވެ މީޑިޔާތަކަށް ދިން އިންޓަވިއުގައި ޝަހުޒާން ވަނީ ސިރިއަސް ތުހުމަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އަމާޒުކުރައްވާފައެވެ.

އެގޮތުން ޚަބަރެއް ލިޔެގެން، އޭނާއާ އެއް ދުވަހެއްގައި ޖަލަށްލި އަދަދު ނޫހުގެ އަނެއް ނޫސްވެރިޔާ ލީވާން އަލީ ނަސީރުއާ ދެ މީހުން އެއްގޮޅިއެއްގައި ތިއްބާ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް އެ ދެމީހުން އެކހެރި ގޮޅިތަކަށް ލާފައިވާ ކަމަށާ އެއީ ސީދާ އެމިހުން ބަލިކަށި ކޮށްލަން ރޭވި ރޭވުމެއް ކަމަށް ވެސް ޝަހްޒާން ތުހުމަތު ކުރެއެވެ.

ދެ ނޫސްވެރިން ވަކި ގޮޅިތަކަށް ލުމަށް ފަހު، ކޮންމެ ރެއަކު ދަންވަރު ގަޑީގައި ޖަލު އޮފިސަރުން ރައީސް މުއިއްޒުގެ އެންގުމަށް އޭނާއަށް ތުރާކޮށް ބިރު ދައްކަން މަސައްކަތްކުރިކަން ވެސް ޝަހުޒާން ފާހަގަކޮށްފައެވެ.

އެގޮތުން ކޮންމެ ރެއަކު ޖަލު އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި، މަރުތޭލާއި، ފުއްކަށި ހިފައިގެން އޭނާ އޮތް ގޮޅިއަށް ވަދެ އޭނާ ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކަމަސް ޝަހުޒާން ވަނީ ބުނެފައެވެ.

މިވާހަކަތަކަށް ރައްދުދީ ވަޒީރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަހުޒާން އަދި ހަބަރެއް ލިޔެގެން ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުއާމެދު ކަންތައް ކޮށްފައިވާނީ އެހެން ގައިދީންނާމެދު ވެސް ކަންތައް ކުރާ ގޮތަށް ކަމަށެވެ. މައްސަލައަކީ އެ ދެ ނޫސްވެރިން އޮތް ގޮޅިން ފޯނެއް ފެނުން ކަމަށް އޭނާ ވިދާޅުވިއެވެ. 

ޝަހުޒާންމެންނަށް އަމާޒުވާހެން ތުހުމަތު ވަޒީރު އަމާޒުކުރެއްވި ނަމަވެސް، ޖަލުގައި ޝަހުޒާން އާއި ލީވާންއަށް ލާއިންސާނީ އަނިޔާ ނުދޭ ކަމަކަށް މިނިސްޓަރަށް ވިދާޅެއް ނުވެވުނެވެ. އަދި އެފަދަ ލާއިންސާނީ އަމަލު ހިންގުމަކީ ޖަލުގައި އާދައެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އިހުސާނަށް ވާހަކަދެއްކެވިފައިވެއެވެ.

ޝަހުޒާން މިިނިވަންވެ ނުކުމެ އެންމެ ފުރަތަމަ ބުނެފައިވަނީ، ރައީސް މުހައްމަދު މުއިއްޒަކީ "ސީދާ ހުދުމުހްތާރު ވެރިއެއް" ކަމަށެވެ. އަދި އޭނާ ހިމެނޭހެން "އަދަދު"ގެ ދެ ނޫސްވެރިން ޖަލަށްލީ ނޫސްވެރިކަމުގައި ތަޅު އެޅުވޭނެ ކަމަށް ހީކޮށް ކަމަށް ނަމަވެސް ނޫސްވެރިކަމުގައި ތަޅު ނޭޅުވޭނެ ކަމަށް ވެސް ޝަހުޒާން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved